ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ޑިޕާޓްމަންޓް އޮފް ހެރިޓޭޖް"ގެ ނަމުގައި، މިއަދުން ފެށިގެން އޮފީހެއް އުފައްދަވައި، އެ އޮފީހަކީ، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަމުގައި ވަކި އޮފީހެއް އުފެއްދެވީ، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، ތަރިކައާއި، ދިވެހި އާދަކާދައާއި ޘަޤާފަތާގުޅޭ ގޮތުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ކުރާނެ ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އުފެއްދެވުމާގުޅިގެން، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގަމުންދާގޮތަށް ހަމަޖައްސަވާފައިވާ ޤައުމީ ދާރުލްއާޘާރާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރްކަޒަކީ، މިއަދުން ފެށިގެން ވަކި އޮފީހެއްގެ ހައިސިއްޔަތު ލިބިފައިނުވާ، ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ބަލަހައްޓަވަމުންގެންދަވާ ތަންތާނގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ ޤައުމީ އަރުޝީފަކީ، މިއަދުން ފެށިގެން ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައިވެސް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އޮފީސްތަކަށް ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް ފޮނުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 222 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި މަސައްކަތްތަކުގެ ލިޔުން މިދެންނެވުމާއެކު މިވަނީއެވެ.


ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގެ މަސައްކަތްތައް

1. ކަލްޗަރއާބެހޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގުން.
2. ދިވެހިންގެ ޘަޤާފަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވައި، ފަންނީ ހުނަރުވެރިކަމާއި އުފެއްދުންތަކަށް ހިތްވަރުދީ ތަރައްޤީކުރުމަށް މަސައްކަތްކުރުން.
3. ދިވެހި ބަސް ބޭނުންކުރަންޖެހޭ ހަމަތަކާއި، އުސޫލުތައް ކަނޑައަޅައި ބަހުގެ ގަވާއިދު އެކުލަވާލައި މިކަންކަން އާންމުކޮށް ފެތުރުން.
4. ދިވެހި ބަހުގެ ގަވާއިދާއި، ބަސް ބޭނުންކުރުމުގެ ހަމަތަކާއި، އުސޫލުތަކާ އެއްގޮތަށް ބަސް ބޭނުންކުރަމުން ގެންދޭތޯ ބެލުން.
5. ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި އާޘާރީ ތަންތަނާއި ތަކެތި ސައިންސްގެ ހަމަތަކުގެ މަތިން ހޯދައި ބެލުން.
6. ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި އާޘާރީ ތަންތަނާއި ތަކެތީގެ އާބާތުރަ ފިލުވައި ދަމަހައްޓައި ބެލެހެއްޓުމަށް ބޭނުންވާ އުސޫލުތަކާއި ގަވާއިދުތައް އެކުލަވާލައި އާންމުކުރުމާއި، މިކަންކަން ހިނގަމުންދަނީ މިއުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުން.
7. ޘަޤާފީ ތަރިކައާބެހޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުން.
8. ޤާނޫނު ނަންބަރު 79/27 (ދިވެހިރާއްޖޭގައި ހުރި އާޘާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗާބެހޭ ޤާނޫނު) ގައިވާ ތަންތަނާއި ތަކެތި ކަނޑައަޅައި އިޢުލާނުކުރުން.
9. ދިވެހިރާއްޖޭގެ ތާރީޚާއި ޘަޤާފަތް ދައްކުވައިދިނުމަށްޓަކައި އަމިއްލަ ފަރާތްތަކުން އުފައްދަން ހުށަހަޅާ ތަންތަން އުފެއްދުމާއި، ތާރީޚީ ތަންތަން ބެލެހެއްޓުމަށް އަމިއްލަ ފަރާތްތަކަށް މަގުފަހިކޮށްދިނުމާއި، މިކަމަށް ހިތްވަރުދިނުން.
10. ދިވެހީންގެ ޘަޤާފަތާއި، އާދަކާދައިގެ ތެރޭގައި ހިމެނޭ ކަންކަމާބެހޭ ހޭލުންތެރިކަން އިތުރުކޮށް އެކަންކަން ދިރުވައި އާލާކުރުން.
11. ދިވެހިބަހާއި، ތާރީޚާއި، ޘަގާފަތާއި، ތަރިކައާބެހޭ މަޢުލޫމާތު އާންމުކުރުމުގައި އެމަޢްލޫމާތުގެ ޞައްޙަކަން ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
12. ރާއްޖޭގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާ ދުވަސްތަކުގެ ތެރެއިން، ދިވެހިބަހާއި، އަދަބިއްޔާތާއި، ޘަޤާފަތާއި، ތަރިކައާބެހޭ ގޮތުން ފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރުމާއި ޤައުމީ ބަޠަލުންގެ ޒިކުރާ އާކުރުން.
13. ޤައުމީ ދާރުލްއާޘާރާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރްކަޒު ހިންގައި ބެލެހެއްޓުން.
14. ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގެ މަސައްކަތްތަކާގުޅިގެން ޤާނޫނީގޮތުން ހިންގަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
__________________