އެޓަރނީ ޖެނެރަލްގެ އޮފީހުގެ ދަށުން ހިނގަމުންދިޔަ "ނޭޝަނަލް ލޯ ރިފޯމް ކޮމިޝަން" 2010 އޮކްޓޯބަރ 12 ވަނަ ދުވަހުން ފެށިގެން އުވާލައްވައި، އެ އޮފީހާ ހަވާލުކުރައްވާފައިވާ މަސައްކަތްތައް އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރައްވަމުންގެންދަވާ ގޮތަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނޭޝަނަލް ލޯ ރިފޯމް ކޮމިޝަން އުވާލެއްވީ، މިކޮމިޝަނުގެ މައިގަނޑު މަސައްކަތަކީ، ރާއްޖޭގެ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވާލެއްވުން ކަމަށްވެފައި، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް މިހާރު އައިސްފައިވާ ބަދަލުތަކާގުޅިގެން، ރާއްޖެއަށް ބޭނުންވާ އެކިއެކި ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވާލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތަނަވަސްވެފައިވުމާއި، ސަރުކާރުގެ މިނިސްޓްރީތަކަށާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތަކުގެ ދެލިކޮޕީ އެކުލަވާލުމުގެ މަސައްކަތް، އެ އިދާރާތަކުން ކުރައްވަމުންގެންދަވާގޮތަށް ހަމަޖެހިފައިވާތީ، މި މަސައްކަތްތައް ކުރެއްވުމަށް ވަކި އޮފީހެއް ބެހެއްޓެވުމުގެ ބޭނުމެއް މިހާރަށް އޮތްކަމަށް ފެނިވަޑައިނުގަންނަވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.