ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ދަށުން ހިނގަމުންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، 13 ޖުލައި 2010 ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުންދާ އޮފީހެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޤާނޫނާއި ގަވާއިދާ ޚިލާފުވާ 18 އަހަރުން ދަށުގެ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމާގުޅޭ ގޮތުން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، 13 ޖުލައި 2010 ދުވަހުން ފެށިގެން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކ. ފޭދޫފިނޮޅުގައި ޤާއިމްކުރައްވާފައިވާ ކަރެކްޝަނަލް ޓްރޭނިންގ ސެންޓަރ ފޮރ ޗިލްޑްރަންއަކީ، މިތާރީޚުން ފެށިގެން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބަލަހައްޓަވަމުން ގެންދަވާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަތީގައި ދަންނަވާފައިވާ ގޮތަށް ބަދަލު ގެންނެވީ، ކުޑަކުދިންނާބެހޭ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި މިވަގުތު ހުރި ދަތިތައް ޙައްލުކޮށް، ކުށްކުރާ ކުޑަކުދިން ޙުކުމް ތަންފީޛު ކުރަމުންދާ މަރުޙަލާތައް މިހާރަށްވުރެ ހަރުދަނާގޮތަކަށް ބައްޓަން ކުރެއްވުމަށާއި، އަދި، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމާގުޅޭ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރައްވައި، މިކަންކަމާބެހޭ މަސައްކަތްތައް ސަރުކާރުގެ އެއްއިދާރާއަކުން ކުރެއްވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.