ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، 2010 ޖުލައި 7 ވަނަ ދުވަހުން ފެށިގެން "މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް"އާއި "މިނިސްޓްރީ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން"ގެ ނަމަށާއި، މަސައްކަތުގެ ދާއިރާއަށް ތިރީގައިވާ ގޮތުގެމަތިން ބަދަލުގެންނަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

1. "މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް"ގެ ނަން "މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް"ގެ ނަމަށް ބަދަލުކުރައްވައި، އެ ވުޒާރާގެ މަސައްކަތުގެ ދާއިރާ ތިރީގައިވާ ގޮތަށް ހަމަޖެއްސެވުން.

(ހ) ހިޔާވަހިކަމާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
(ށ) ޢިމާރާތްކުރުމާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
(ނ) ޕަބްލިކް އިންފްރާސްޓްރަކްޗަރއާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
(ރ) ތިމާވެށްޓާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
(ބ) މީޓިއޮރޮލޮޖީއާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
(ޅ) ހަކަތައާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
(ކ) ބޯފެނާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
(އ) ނަރުދަމާއާއި، ނަޖިހާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

2. "މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން"ގެ ނަން "މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން"ގެ ނަމަށް ބަދަލުކުރައްވައި، އެ ވުޒާރާގެ މަސައްކަތުގެ ދާއިރާ ތިރީގައިވާ ގޮތަށް ހަމަޖެއްސެވުން.
(ހ) ކަނޑާއި، އެއްގަމާއި، ވައިގެ ދަތުރުފަތުރާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
(ށ) ސިވިލް އޭވިއޭޝަނާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
(ނ) މުވާޞަލާތާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
(ރ) ސައިންސާއި، އިންފޮމޭޝަން ޓެކްނޯލޮޖީއާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، 2010 ޖުލައި 7 ވަނަ ދުވަހާ ހަމައަށް މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދިޔަ ސަރަޙައްދީ ވައިގެ ބަނދަރުތަކާއި، ޓްރާންސްޕޯޓް އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ދަށުން ހިނގަމުންދާ ތަންތަން ކަމަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.