ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑު"ގެ ނަން، 17 މެއި 2010 ދުވަހުން ފެށިގެން "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"ގެ ނަމަށް ބަދަލުކުރައްވައި، އެ އޮތޯރިޓީއަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިފައިވާ، އަމިއްލަ ހައިސިއްޔަތެއް ލިބިގެން، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިއުލޭޓަރީ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުގެ ނަން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަމަށް ބަދަލުކުރެއްވީ، ދިވެހިރާއްޖޭގައި މަތީ ތަޢްލީމުދޭ މުއައްސަސާތައް އިތުރުވެ، އަމިއްލަ ފަރާތްތަކުން މަތީ ތަޢްލީމު ދިނުމުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާވަމުންމިދާ ދަނޑިވަޅުގައި ދިވެހިރާއްޖޭގެ މަތީ ތަޢްލީމުގެ ދާއިރާ ރެގިއުލޭޓްކޮށް، މަތީ ތަޢްލީމުގެ ފެންވަރު ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ތަރައްޤީކޮށް، ހަރުދަނާކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ފޮނުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 218 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގެންނެވި ބަދަލާ ގުޅިގެން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި ގޮތުގެ ލިޔުން މިދެންނެވުމާއެކު މިވަނީއެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް

1. ރާއްޖޭގައި އެކި ފަރާތްތަކުން ހިންގާ މަތީ ތަޢްލީމާއި ތަމްރީން ޕްރޮގްރާމުތަކުގެ ފެންވަރު ހިފެހެއްޓުމުގެ ނިޒާމެއް (އެޕްރޫވަލް، އެކްރެޑިޓޭޝަން އެންޑް އޮޑިޓިންގ ނިޒާމެއް) އެކުލަވާލައި، މިކަންކަމާބެހޭ ސިޔާސަތު ހަދައި ހިންގުން.
2. ޤައުމީ ސަނަދުތަކުގެ އޮނިގަނޑު އެކުލަވާލުމާއި، އިޞްލާޙުކުރުމާއި، އެ އޮނިގަނޑު ތަންފީޒުކުރުން.
3. ރާއްޖޭގައި އެކި ފަރާތްތަކުން ހިންގާ މަތީ ތަޢްލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރުތަކަށް ފެތޭގޮތަށް ފަރުމާކުރާ ކޯސްތައް ފަރުމާކުރެވިފައިވަނީ އެކަށީގެންވާ ފެންވަރަށްތޯ ބަލައި ފާސްކޮށް، އެކޯސްތައް ހިންގުމުގެ ހުއްދަ ދިނުމާއި، މިކަމާގުޅޭ އެންމެހާ ކަންކަން ރާވައި ހިންގުން.
4. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރުތަކަށް ފެތޭގޮތަށް ފަރުމާކޮށް ހިންގާ ކޯސްތައް ހިންގުމުގެ ހުއްދަ ދިނުމަށްފަހު އެކޯސްތައް ހިންގަނީ ހުއްދަދީފައިވާ ފެންވަރަށްތޯ ބަލައި ސުޕަވައިޒްކުރުމުގެ އޮނިގަނޑެއް ރާވައި އެމަސައްކަތް ހިންގުން.
5. ރާއްޖެއާއި ރާއްޖޭއިން ބޭރުން އެކިފަރާތްތަކުން ޙާޞިލުކޮށްގެން ފެންވަރު ބެލުމަށް ހުށަހަޅާ ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމަށް ބޭނުންކުރާނެ އޮނިގަނޑެއް އެކުލަވާލައި ޢާންމުކުރުމާއި، ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމާއި، މިކަމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ރާވައި ހިންގުން.
6. މަތީ ތަޢްލީމުދޭ މުއައްސަސާތަކުގެ އެކްސްޓަރނަލް އެކަޑެމިކް އޮޑިޓް ހިންގުމަށް ބޭނުންވާ ގައިޑްލައިންތައް އެކުލަވާލުމާއި، އެކްސްޓަރނަލް އޮޑިޓް ހެދުން.
7. ރާއްޖޭގައި ސަނަދުގެ (ކޮލިފިކޭޝަންސްގެ) ފެންވަރު ހިފެހެއްޓުމަށް އުފައްދާ މުއައްސަސާތައް ރަޖިސްޓްރީކޮށްދިނުމާބެހޭ ކަންކަން ހިންގައި ބެލެހެއްޓުން.
8. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ސަނަދުތަކުގެ ރަޖިސްޓްރީއެއް (ދަފްތަރެއް) އެކުލަވާލައި ބެލެހެއްޓުން.
9. ރާއްޖެއިން ބޭރުގެ ކޮލިފިކޭޝަންސް އޮތޯރިޓީތަކާއެކު ކޮލިފިކޭޝަންސްގެ ދާއިރާގައި ވިލަރެސްކުރުން.
10. މަތީ ތަޢްލީމާއި ތަމްރީންދޭ މުއައްސަސާތަކުން އެމީހުންގެ މުވައްޒަފުންގެ ޢިލްމާއި ހުނަރު އިތުރުކުރުމަށް ކުރަން ޤަޞްދުކުރާ ކަންކަމުގައި އެފަރާތްތަކަށް ކޮލިފިކޭޝަންސްއާބެހޭ ލަފަޔާއި މަޝްވަރާދިނުން.
11. މަތީ ތަޢްލީމުދޭ މުއައްސަސާތަކުގެ އިންޓަރނަލް ކޮލިޓީ އެޝޫރަންސް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
12. ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމާއި ތަމްރީނު ހޯދުމަށް ދާ މަރުކަޒުތަކާގުޅޭ މަޢްލޫމާތު އެކަމަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
13. ކޮލިފިކޭޝަންސް ރެކޮގްނިޝަންއާބެހޭ ބައިނަލްއަޤްވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެއިން ދޭން ބޭނުންވާ ލަފަޔާއި މަޝްވަރާ ދިނުމާއި، ކޮލިފިކޭޝަންސްއާބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލުކުރުން.
14. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާގުޅޭ ރޮނގުން މަޖައްލާފަދަ ތަކެތި ޝާއިޢުކުރުމާއި، ޢާންމުން ހޭލުންތެރިކުރުވުމަށް ޚަބަރާއި މަޢްލޫމާތު، ވެބްސައިޓާއި އާންމު މީޑިއާ މެދުވެރިކޮށް ދިނުން.


__________________