ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ވަކި އޮފީހެއްގެ ގޮތުގައި ހިނގަމުންދިޔަ ނޭޝަނަލް އާޓްގެލެރީން ކުރައްވަމުންގެންދެވި މަސައްކަތްތައް 4 މެއި 2010 ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖައްސަވައި، ނޭޝަނަލް އާޓް ގެލެރީއަކީ، މި ތާރީޚުން ފެށިގެން ވަކި އޮފީހެއްގެ ހައިސިއްޔަތު ލިބިފައިނުވާ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ބަލަހައްޓަވަމުންގެންދަވާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނޭޝަނަލް އާޓް ގެލެރީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ކުރައްވަމުންގެންދަވާ ގޮތަށް ހަމަޖެއްސެވީ، މި ދެ ތަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި އެއްބާވަތުގެ މަސައްކަތްތަކެއް ހިމެނިފައިވުމާއެކު މި މަސައްކަތްތައް އެއްތަނަކުން ކުރައްވާގޮތަށް ހަމަޖެއްސެވުމުން، މިކަމަށް ހިނގާ ޚަރަދުތައް ކުޑަކުރެވި، މުވައްޒަފުންނާއި، އެހެނިހެން ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނޭކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގެންނެވި ބަދަލާ ގުޅިގެން، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި ގޮތުގެ ލިޔުން މިދެންނެވުމާއެކު މިވަނީއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މަސައްކަތްތައް

1. އާޓިސްޓިކް ފަންނުތަކަށް ޝައުޤުވެރިވާ ހުރިހާ ދިވެހިންނަށާއި، ސްކޫލް ނިންމާފައި އިތުރަށް ކިޔެވުމަށް ފުރުސަތު ލިބިފައިނުވާ ޒުވާނުންނަށާއި، އަދި ވަޒީފާ ލިބުން ދަތިވެފައިވާ އެކިއެކި ފަރުދުންނަށް އަމާޒުކޮށްގެން އާޓިސްޓިކް ފަންނުތައް އުނގަންނައިދިނުމުގެ މަސައްކަތް ރާވައި ހިންގުން.
2. ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ޖަމްޢިއްޔާތައް އުފެއްދުމުގައާއި، ހިންގުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެއިން ބޭރުގެ އެކި ޖަމްޢިއްޔާތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުން.
3. ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ހުނަރުވެރިކަން އާންމުންނަށް ދައްކައި، ފަންނުވެރިން ތަޢާރުފުވުމުގެ ފުރުސަތު ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިދިނުން.
4. ދިވެހިންގެ ފަންނީ އުފެއްދުންތެރިކަމާއި، ހުށަހަޅައިދިނުމުގެ ޤާބިލްކަމާއި، ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް ކުރިއަރުވައި ދެމެހެއްޓުމާއި، އަދި ފަންނުވެރިންގެ ހުނަރުވެރިކަން އާންމުންނަށް ތަޢާރުފުކުރުމުގެ ގޮތުން، އާޓްސް ފެސްޓިވަލްތަކާއި، މުބާރަތްތަކާއި، މައުރަޒުތައް އިންތިޒާމުކޮށް ހިންގުން.
5. ދިވެހި ފަންނުވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ފަންނުވެރިންނަށާއި، ފަންނީ އުފެއްދުންތަކަށް ޤައުމީ ފެންވަރުގައި ދެވޭނެ އެވޯޑުތައް ތަޢާރުފުކުރުމާއި، މިފަދަ ހަރަކާތްތައް ހިންގުން.
6. ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުތައް އުނގަންނައިދިނުމަށާއި، ކުރިއެރުވުމަށް އަމިއްލަ ފަރުދުންނާއި ޖަމާޢަތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީއާއި ލަފާ ދިނުން.
7. ދިވެހިރާއްޖޭގައި ދިވެހި ފަންނުވެރިން އުފައްދާ ފީޗަރ އަދި ކުރު ފިލްމުތަކަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ކުރާ ފޮޓޯ އަދި ފިލްމް ޝޫޓްތަކަށާއި، މިޔުޒިކް ޝޯތަކަށް ހުއްދަ ދިނުމާއި، އަދި މިޔުޒިކް ގްރޫޕްތައް ރަޖިސްޓްރީކޮށް، އޭގެ ޑޭޓާބޭސް ބެލެހެއްޓުން.
8. ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ހިންގޭ، އާޓްސް ދާއިރާއާ ގުޅުންހުރި އެކިއެކި ޘަޤާފީ ކުޅިވަރުތަކާބެހޭ ދިރާސާކޮށް، ޑޮކިއުމަންޓްކުރުމާއި، އަދި މިމަޢްލޫމާތު ފަސޭހަކަމާއެކު އާންމުންނަށް ލިބޭނޭ މަގުފަހިކޮށްދިނުން.
9. ދިވެހިރާއްޖޭގެ ކުރެހުންތެރިކަމާއި، ކުރެހުންތެރިކަމާ ގުޅިފައިވާ ތަކެތި ހޯދައި އެއްކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓައި، އެތަކެތި އާންމުކޮށް މީހުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
10. ދިވެހި ކުރެހުންތެރިންގެ މަސައްކަތްތައް، އާންމުކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން.
11. ދުނިޔޭގެ މަޝްހޫރު ކުރެހުންތެރިންގެ ކުރެހުންތަކާއި، ކުރެހުންތެރިންގެ މަޢްލޫމާތު، ދިވެހި ކުރެހުންތެރިންނަށް ލިބޭނެގޮތް ހަމަޖެއްސުން.
12. ދިވެހިރާއްޖެއާއި އެހެނިހެން ޤައުމުތަކުގެ، ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަޙައްދާއި އިސްލާމީ ޤައުމުތަކުގެ ކުރެހުންތެރިކަމުގެ ޘަޤާފަތުގައި ހިމެނޭ ތަކެތި ހޯދައި، އެއްކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓައި، އެތަކެއްޗާބެހޭ މަޢްލޫމާތު ދީ، އެތަކެތި އާންމުކޮށް ފެންނާނެ ގޮތަށް ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
13. ކުރެހުންތެރިކަމުގެ ރޮނގުގައި ހަރަކާތްތެރިވާ ފަންނާނުން އިތުރަށް ތާޒާކޮށް ފެންވަރުމަތިކުރުމާއި، އާ ފަންނާނުން އުފެއްދުމަށްޓަކައި ކުރެހުންތެރިކަމުގެ "ރެސިޑެންސީ ޕްރޮގްރާމް"ތައް ރާވައި ހިންގުން.
14. ކުރެހުންތެރިކަމުގެ މަސައްކަތަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ކޮމިޝަން"ކޮށްގެން ކުރެހުންތެރިން ލައްވާ މަސައްކަތްތައް އުފެއްދުން.
15. ކުރެހުންތެރިންގެ މެދުގައި ތަފާތު މުބާރާތްތަކާއި މަޢްރަޟުތައް އިންތިޒާމުކޮށް ބޭއްވުމާއި، ރާއްޖެއިންބޭރުގެ އެކިއެކި މަޢުރަޟުތަކާއި، ފެއަރތަކާއި މުބާރާތްތަކުގައި ދިވެހި ފަންނާނުންގެ މަސައްކަތްތައް ބައިވެރިކުރުން.
16. ކުރެހުންތެރިކަމުގެ ރޮނގުންނާއި ކުރެހުންތެރި މަސައްކަތްތަކުގެ ރޮނގުން އެކަންތައްތައް ކުރިއަށް ގެންދިއުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށްޓަކައި، ކުރެހުންތެރިންގެ މެދުގައި މަސައްކަތު ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން.
17. ރާއްޖޭގެ ކުރެހުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުރެހުންތެރިކަމުގެ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި، ދިވެހި ކުރެހުންތެރިންގެ މެދުގައި ގުޅުންބަދަހި ކުރުވޭނެ އިންތިޒާމު ހަމަޖެއްސުން.
18. ކުރެހުންތެރިކަމާއި، ކުރެހުންތެރިކަމާ ގުޅިފައިވާ ފަންނާނުންގެ ދާއިރާއަކީ މިދާއިރާގައި ހަރަކާތްތެރިވާ ދިވެހި ފަންނާނުންނަށާއި، ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް މާލީ ކުރިއެރުން ގެނެސްދޭ ދާއިރާއަކަށް ހެދުން.
19. ނޭޝަނަލް އާޓް ގެލެރީ ހިންގައި ބެލެހެއްޓުން.

__________________