ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގަމުންދިޔަ "ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒު" 27 އޭޕްރިލް 2010 ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އުވާލައްވައިފިއެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒު އުވާލެއްވުމާ ގުޅިގެން، އެ މަރްކަޒުން ބަލަހައްޓަވަމުން ގެންދެވި މަސައްކަތްތަކުގެ ތެރެއިން، ތަރިކައާއި، ދިވެހި އާދަކާދައާއި ޘަޤާފަތާ ގުޅޭގޮތުން ކުރައްވަމުން ގެންދެވި މަސައްކަތްތައް، 27 އޭޕްރިލް 2010 ދުވަހުން ފެށިގެން ކުރައްވަމުން ގެންދަވާނީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެމަރްކަޒުން ކުރައްވަމުން ގެންދެވި ދިވެހިބަހާއި ތާރީޚާބެހޭ ދިރާސާގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، އަރުޝީފު ކުރުމާގުޅޭގޮތުން އެ މަރްކަޒުން ކުރައްވަމުން ގެންދެވި މަސައްކަތްތައް ކުރައްވަމުން ގެންދަވާނީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން ހިނގަމުންދާ ޤައުމީ އަރުޝީފުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒު އުވާލައްވައި، އެތަނުން ކުރައްވަމުން ގެންދެވި މަސައްކަތްތައް މަތީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހަމަޖެއްސެވުމުގެ ބޭނުންފުޅަކީ، އެ މަރްކަޒުން ކުރައްވަމުން ގެންދެވި މަސައްކަތްތައް މިހާރަށްވުރެ ފުޅާކޮށް، އެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރެއްވޭނެ އިންތިޒާމެއް ހަމަޖެއްސެވުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒު އުވާލެއްވުމާ ގުޅިގެން، އެ މަރްކަޒުން ބަލަހައްޓަވަމުން ގެންދެވި، ޤައުމީ ދާރުލްއާޘާރާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރްކަޒު ބަލަހައްޓަވަމުން ގެންދަވާނީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.