ސަރުކާރުގެ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، މިހާރަށްވުރެ ލުއިފަސޭހަގޮތެއްގައި ޚިދްމަތްތައް ފޯރުކޮށްދިނުމުގެގޮތުން، ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށްގެން، ސިޓީއާއި ލިޔެކިޔުންތައް ބަދަލުކުރުމަށްޓަކައި ފަރުމާކޮށްފައިވާ، [ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް]، މާލޭގައިހުރި ސަރުކާރުގެ ހުރިހާ އިދާރާތަކާއި ދެކުނު ޕްރޮވިންސް އޮފީހުގައި 2010 އޭޕްރިލް 25 އިން ފެށިގެން ބޭނުންކުރަން ފެށުމަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ސިސްޓަމަކީ، ސަރުކާރުން އީ-ގަވަރންމަންޓް ތަޢާރުފުކުރުމަށް ކުރެވޭ މަސައްކަތުގެ ފުރަތަމަ މަރްޙަލާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސިސްޓަމްގެ މައިގަނޑު ބޭނުމަކީ، ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ފޮނުވާ ލިޔެކިޔުންތައް، އިލެކްޓްރޯނިކް ފޯމެޓްގައި ބަދަލުކުރުމާއި، އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ފަރުދުން ސަރުކާރުގެ އޮފީސްތަކަށް ފޮނުވާ ލިޔެކިޔުންތައް، ލުއިފަސޭހަ ގޮތެއްގައި ބެލެހެއްޓުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވީމާ، މާލޭގައިހުރި ސަރުކާރުގެ އިދާރާތަކުގެ ދެމެދުގައި 2010 އޭޕްރިލް 25 އިން ފެށިގެން ލިޔެކިޔުން ބަދަލުކުރަންވާނީ، [ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް] މެދުވެރިކޮށް ކަމަށާއި، މި ތާރީޚުން ފެށިގެން މި ސިސްޓަމް މެދުވެރިކޮށް ނޫންގޮތްގޮތަށް، ސަރުކާރުގެ އިދާރާއަކުން ފޮނުވާ ލިޔެކިޔުންތައް، އިދާރާތަކުން ބަލައިނުގަތުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ސިސްޓަމް އެންމެ ފުރިހަމަގޮތުގައި ހިންގުމަށްޓަކައި، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ބޭނުންވާ އެއްބާރުލެއްވުން، ސަރުކާރުގެ ހުރިހާ އިދާރާތަކުން އެ ސެންޓަރަށް ދެއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.