ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގަޔާއި، އަދި ޤާނޫނެއްގެ ދަށުން ހައްދަވާ ގަވާއިދަކާ ގުޅިގެން ރައްޔިތުންގެ އަތުން އެއްވެސް ފީއެއް ނަންގަވަންޖެހޭ ނުވަތަ ހޭދައެއް ކުރައްވަންޖެހޭ ކަންކަން ނިންމެވުމުގެ ކުރިން، މީގެފަހުން މިދަންނަވާ ގޮތަށް ޢަމަލު ކުރައްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

1. އެފަދަ ކަންކަމުގައި ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްޓަކައި ކަރުދާހެއް ތައްޔާރުކުރައްވައި، އެ މައްސަލަ، ވަޒީރުންގެ މަޖިލީހުގައި އެޖެންޑާ ކުރެއްވުމަށްޓަކައި، ކަމާބެހޭ މިނިސްޓްރީއެއް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވުން.
2. އެ ކަރުދާހަކާ ގުޅޭގޮތުން، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވި، ގޮތެއް ނިންމެވުމުގެ ކުރިން، އެކަންކަމާ ގުޅޭ އެއްވެސް ނިންމެވުމެއް އާންމު ނުކުރެއްވުން.
3. އެ މައްސަލައަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމާބެހޭ ވުޒާރާއަކަށް ރަސްމީގޮތުން އެންގެވުމުން، އެ ނިންމެވުމަކާ އެއްގޮތަށް ޢަމަލު ކުރެއްވުން.