ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، "މޯލްޑިވްސް ޕޮލިޓެކްނިކް"ގެ ނަމުގައި 12 އޭޕްރީލް 2010 ދުވަހުން ފެށިގެން މުއައްސަސާއެއް އުފައްދަވައި، އެ މުއައްސަސާއަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މޯލްޑިވްސް ޕޮލިޓެކްނިކް އުފެއްދެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ "މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ"އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޯލޮޖީން ހިންގަވަމުން ގެންދަވާ ޑިގްރީ ފެންވަރަށްވުރެ ދަށުގެ ކޯސްތައް ހިންގެވުމަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މޯލްޑިވްސް ޕޮލިޓެކްނިކް"ގެ ނަމުގައި ވަކި މުއައްސަސާއެއް އުފެއްދެވުމުގެ ބޭނުމަކީ، ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރެއްވުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ސަރުކާރުން އުފައްދަވާފައިވާ މުއައްސަސާއަކީ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ކަމަށްވެފައި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޯލޮޖީން ހިންގަވަމުން ގެންދަވާ ގިނަ ކޯސްތަކަކީ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގއިން ހިންގުމަށް ހަމަޖައްސަވާފައިވާފަދަ ކުރުމުއްދަތުގެ ފަންނީ ކޯސްތަކަކަށްވާތީ، ސަރުކާރުގެ ދެ މުއައްސަސާއަކުން އެއްމަސައްކަތެއް ކުރައްވަމުން ގެންދެވުމުގެ ބަދަލުގައި، އެއް މުއައްސަސާއަކުން މިމަސައްކަތްތައް ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖެއްސެވުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން، ކުރު މުއްދަތެއްގެ ތެރޭގައި ޔުނިވަރިސިޓީއަކަށް ބަދަލުވެގެންދާއިރު، ޔުނިވަރސިޓީގެ އަމާޒަކަށްވާނީ، ތަޢުލީމީ ދާއިރާގެ މަތީ ފެންވަރުގެ ކޯސްތައް ހިންގުން ކަމަށާއި، ވަޒީފާދޭ ފަރާތްތަކާ ގުޅިގެން ފަންނީ ވަޒީފާތަކަށް ބޭނުންވާނެ ހުނަރުތަކުގެ ކޯސްތައް ހިންގުމަކީ، ޔުނިވަރސިޓީން އިސްކަމެއްދީގެން ކުރާނެ ކަމެއް ކަމަށް ނުވެދާނެތީ، ފަންނީ ތަމްރީނު ދިނުމަށް ޚާއްޞަކުރެވޭ ވަކި މުއައްސަސާއެއް ހުރުމަކީ، މޯލްޑިވްސް ޕޮލިޓެކްނިކް އުފެއްދެވުމުގެ މައިގަނޑު އެއްބޭނުން ކަމުގައިވެސް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް އުފެއްދެވުމާ ގުޅިގެން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދިޔަ "މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ" 12 އޭޕްރީލް 2010 ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އުވާލައްވައިފިއެވެ. އަދި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ޓެކްނޯލޮޖީން ކ. ތުލުސްދޫގައި ހިންގަމުންގެންދާ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރާއި، ރ. އަލިފުށީގައި ހިންގަމުންގެންދާ ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރ، މޯލްޑިވްސް ޕޮލިޓެކްނިކުގެ ދަށުން ހިނގަމުންދާ ގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ މަސައްކަތްތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ މަސައްކަތްތައް

1. ފޯރުންތެރި ދިރިއުޅުމެއް އުޅެވޭފަދަ ވަޒީފާއެއް އަދާކުރުމަށް ބޭނުންވާ ހުނަރުތަކުގެ ތަމްރީނު ޕްރޮގްރާމްތައް ރާވައި ހިންގުން.
2. ވަޒީފާތަކަށް އެވަގުތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރުތަކުގެ ތަމްރީނު ޕްރޮގްރާމުތައް ހިންގުމާއި، މިކަން ހިންގުމުގައި ވަޒީފާ ދޭ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުން.
3. ވަޒީފާ އަދާކުރަމުން ކިޔަވާ ފަރާތްތަކަށް ބޭނުންވާ ވަޒީފާގެ ހުނަރުތަކާބެހޭ މަޢުލޫމާތު ދިނުން.
4. ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ހުނަރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ ތަމްރީނު ދިނުމުގެ ވަސީލަތްތައް ހަމަޖެއްސުން.
5. މޯބައިލް ސްކިލްސް ޓްރޭނިންގ ޕްރޮގްރާމުތައް އަތޮޅުތަކުގައި ރާވައި ހިންގުން.
6. ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން މަތީ ތަޢުލީމާއި ތަމްރީނުގެ މަރުޙަލާއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދިނުން.
7. ތަޢުލީމު އުނގެނުމަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިންނަށް އޯޕަން ލާރނިންގއާއި އީ ލާރނިންގ މެދުވެރިކޮށް އެކަންކުރުމުގެ ފުރުޞަތުތައް ހޯދައިދިނުން.
8. ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް ގުޅުވައިދިނުމާއި، ވަޒީފާ ބޭނުންވާ ފަރާތްތަކަށް ކެރިއަރ ގައިޑެންސްއާބެހޭ މަޢުލޫމާތު، ނޭޝަނަލް ކެރިއަރ ގައިޑަންސް ސެންޓަރާއި އަދި ރާއްޖޭގައި ޤާއިމުކޮށްފައިވާ ޖޮބް ސެންޓަރުތަކުގެ އެހީއާއެކު ދިނުން.
9. ރާއްޖޭގެ އެކި ރަށްރަށަށް ނުވަތަ ސަރަޙައްދުތަކަށް ޚާއްޞަ ފަންނުތައް ހޯދައި، އެފަންނުތަކަށް ޒުވާނުން އަހުލުވެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގުމާއި، އަދި މިފަދަ ފަންނުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމަށް މަސައްކަތްކުރުން.
10. މޯލްޑިވްސް ޕޮލިޓެކްނިކަށް ބޭނުންވާ ފަންނީ ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށާއި ތަރައްޤީކުރުމަށް، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަމްރީނުކުރުން.
11. ޓެކްނިކަލް އަދި ވޮކޭޝަނަލްގެ ތަފާތު ރޮނގުތަކުން، މާލެއާއި އަތޮޅުތަކުގައި ތަމްރީނުދިނުމަށް އެކިއެކި މަޝްރޫޢުތައް ރާވައި ހިންގުން.
12. ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނާއި ތަޢުލީމާގުޅޭ ދިރާސާތައްކޮށް، ޝާއިޢުކުރުން.