ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ވަޒީރުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތައް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއަށް ހަވާލުކުރައްވާފައިވާ މަސައްކަތްތައް، 5 އޭޕްރިލް 2010 ން ފެށިގެން، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ކުރައްވަމުން ގެންދަވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިގޮތަށް ހަމަޖެއްސެވުމާގުޅިގެން، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާއަކީ، އެ ތާރީޚުން ފެށިގެން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީއެއްގެ ގޮތުގައި އެ ކޮލެޖުންވަނީ ހަމަޖައްސަވާފައެވެ.
ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ ފެކަލްޓީއެއްގެ ގޮތުގައި ހަމަޖެއްސެވުމާގުޅިގެން، އެފެކަލްޓީގެ ނަމަކީ ކުރީގައި އެ މުއައްސަސާގެ ނަމުގެ ގޮތުގައި ބޭނުންކުރަމުން އައި "ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ" ކަމަށާއި، އަދި އެ ފެކަލްޓީއަށް އިނގިރޭސި ބަހުން ކިޔުމަށް ހަމަޖައްސަވާފައިވާ ނަމަކީ "ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް" ކަމަށް ކޮލެޖް ކައުންސިލުން ނިންމަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް ހަމަޖެއްސެވުމާގުޅިގެން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނަށް މިހާރު ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ މަސައްކަތްތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ.


މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ މަސައްކަތްތައް

1. މަތީތަޢްލީމުގެ ކިޔެވުން ފުޅާކުރުން.
2. ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި، ދީނީ އެއްބައިވަންތަކަމާއި، ޤައުމީ ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ދިވެހީންނަށް ލިބިދޭންޖެހޭ އިސްލާމީ މަތީ ތަޢްލީމު ދިނުމާއި، އެކަމާގުޅިގެން ކުރަންޖެހޭ ދިރާސާތައްކޮށް ޢާންމުކުރުން.
3. ކޮލެޖުގެ ފެކަލްޓީތަކާއި ސެންޓަރުތައް ޤާއިމްކޮށް، ކޮލެޖުގެ ފެކަލްޓީތަކާއި ސެންޓަރުތައް ހިންގޭނެ އާންމު ސިޔާސަތުތައް ރާވައި، އާންމު އުސޫލުތައް ކަނޑައެޅުން.
4. ކޮލެޖްގެ ފެކަލްޓީތަކާއި، ސެންޓަރުތަކުގެ އިދާރީ ކަންތައްތަކާއި، ބަޖެޓް ހެދުމަށް ދޭންޖެހޭ އިރުޝާދުތައް ދިނުން.
5. ފެކަލްޓީތަކާއި ސެންޓަރުތަކުގެ މެދުގައި ހިއްސާކުރާ ޢާއްމު ފައުންޑޭޝަން ކޯސްތައް ތަޢާރުފުކުރުން.
6. ކޯސްތައް ވަޒަންކުރުމުގެ ނިޒާމް ގާއިމުކޮށް، ޝަރުޠުތަކުގެ ފެންވަރު ކަނޑައެޅުން.
7. ކޮލެޖްގައި ހިމެނޭ ދާއިރާތަކުން ޢިލްމީ ތަޙްޤީޤުތަކާއި ދިރާސާތައް ކުރުމާއި، މިފަދަ ޙަރަކާތްތަކުގެ ނަތީޖާތައް ޤައުމީ އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ މަންފާއަށް ޝާއިޢުކުރުން.
8. މަތީތަޢްލީމުން މަންފާކުރާނެ ނުވަތަ ކައުންސިލުން ކަނޑައަޅައި، ޚާއްޞަކޮށް ސާނަވީ ތަޢްލީމު ހާސިލުކޮށްފައިވާ ފެންވަރުގެ މީހުންނަށް ރާއްޖޭގެ ކުރިއެރުމަށް ބޭނުންވާ ދާއިރާތަކަށް ބޭނުންވާ މަތީ ތަޢްލީމާއި ތަމްރީނުދިނުން.
9. ކޮލެޖްގައި ހިމެނޭ ދާއިރާތަކުން ޢިލްމާއި ހުނަރު އިތުރުކުރުން.
10. ކޮލެޖުން ކިޔަވައިދޭ ކޯސްތަކުންނާއި ލިބިދޭ ތަމްރީނާއި، ތަޢްލީމާ ގުޅިގެން ތަފާތު ފެންވަރުގެ ސަނަދުތައް ދިނުން.
11. ރާއްޖެއާއި ރާއްޖެއިންބޭރުގެ ތަޢްލީމީ މަރުކަޒުތަކާ ގުޅުން ގާއިމުކުރުން.
12. ކޮލެޖްގެ މަޤްޞަދުތައް ހާޞިލުކުރުމަށްޓަކައި ކޮލެޖުގެ ވަޞީލަތްތައް މުއްސަނދިކޮށް، އިތުރު ވަސީލަތްތައް ހޯދުން.
13. އިސްލާމީ އަދި ދިވެހި އާދަކާދަތަކާއި އަދަބުތައް ކުރިއަރުވައި ފެތުރުން.