ޤާނޫނުތަކުން ބާރު ލިބިގެން، އެޤާނޫނުތަކުގެ އިމުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުންނާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ހަދާފައިވާ ގަވާއިދުތަކުގެ ތެރެއިން ޢަމަލުކުރަމުންދާ ގަވާއިދުތަކަކީ ކޮބައިކަން ސާފު ނުވުމާއި، އެގަވާއިދުތަކަށް ޢަމަލުކުރަންފެށި ތާރީޚުތައް އެނގެން ނެތުމުން، ސަރުކާރުގެ އޮފީސްތަކަށާއި ޝަރުޢީ ކޯޓުތަކަށާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކަށާއި ޢާންމުންނަށް ގިނަގުނަ ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެއްވޭ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ގަވާއިދުތަކުގެ ތެރެއިން އިޞްލާޙުކުރެވިފައިވާ ގަވާއިދުތަކާއި އުވާލާފައިވާ ގަވާއިދުތަކަކީ ކޮބައިކަން އެނގެން ނެތުމާއި، ގަވާއިދުތައް ފަސޭހައިން ލިބެން ނެތުމާއި، ބައެއް ގަވާއިދުތައް ޤާނޫނުތަކާ ފުށުއެރުން ފަދަ ކަންތައްތަކުގެ ސަބަބުންވެސް މިދެންނެވި ފަރާތްތަކަށް ދަތިތައް ކުރިމަތިވަމުންދާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެސިޔާސަތުތައް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކަށާއި މުއައްސަސާތަކަށް އަންގައި، އެތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަމަށް ވީހިނދު، އަދި ގަވާއިދުތައް ޢާންމުންނަށް ލިބެންހުންނާނޭ ގޮތަކަށް އިންތިޒާމްކޮށް ޢާންމުކޮށް ޝާއިޢުކުރުމަށް ޤާނޫނުއަސާސީ ލާޒިމުކުރާހިނދު، އިސްވެ ފާހަގަކުރެވުނު މައްސަލަތައް ޙައްލުކުރުމުގެ ގޮތުން، ސަރުކާރުގެ އޮފީސްތަކުންނާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ގަވާއިދު ހެއްދެވުމުގައި ތިރީގައިމިވާ ގޮތުގެމަތިން ޢަމަލުކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

1. ޤާނޫނެއްގެ ދަށުން ބާރުލިބިގެން ސަރުކާރުގެ އޮފީހަކުން ގަވާއިދެއް ހަދާނަމަ އެގަވާއިދެއް އެކުލަވާލުމަށްފަހު، އެގަވާއިދަށް ޢަމަލުކުރަންފެށުމާމެދު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ލަފާ ހޯދުމަށް އެއޮފީހަށް ފޮނުވުން.
2. ސަރުކާރުގެ އޮފީހަކުން އެކުލަވާލާ ގަވާއިދަކަށް ޢަމަލުކުރަންފެށުމާމެދު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ލަފާ ހޯދުމާއެކު، އެގަވާއިދަށް ޢަމަލުކުރަންފެށުމުގެ ހުއްދަ އެޓަރނީ ޖެނެރަލްގެ އޮފީހުން ހޯދުން.

3. ސަރުކާރުގެ އޮފީސްތަކުންނާއި ދައުލަތުގެ މުއައްސަސާތަކުން ގަވާއިދު އެކުލަވާލާއިރު، އެގަވާއިދު ހެދުމަށް ބާރު ލިބިދީފައިވާ ޤާނޫނުގެ ނަންބަރު، އެގަވާއިދުގައި ކަނޑައަޅައި ބަޔާންކުރުން.

4. ކޮންމެ ގަވާއިދެއްގައި އެގަވާއިދު ހެދި ތާރީޚާއި ޢަމަލުކުރަންފަށާ ތާރީޚު ބަޔާންކުރުން.

5. ގަވާއިދެއް އިޞްލާޙްކުރާނަމަ، އެގަވާއިދެއް ފެށުމުގައި، އެގަވާއިދަކީ އިޞްލާޙުކުރެވިފައިވާ ގަވާއިދެއްކަމާއި، ގެނެވޭ އިޞްލާޙަކީ އެގަވާއިދަށް ގެނެވޭ ކިތައްވަނަ އިޞްލާޙުކަމާއި، އިޞްލާޙުގެނެވުނު ގަވާއިދަށް ޢަމަލުކުރަންފާށާ ތާރީޚު ބަޔާންކުރުން.

6. ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ދަށުން ބާރުލިބިގެން އެޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން ޢަމަލުކުރަމުންދާ ގަވާއިދަކަށް އިޞްލާޙެއް ނުވަތަ ބަދަލެއް ގެންނަން އެގަވާއިދެއް ހިންގުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ އޮފީހަކުން ބޭނުންވެއްޖެނަމަ، ނުވަތަ އެޤާނޫނުގެ ޖަދުވަލު 1 އަށް ނުވަތަ ޖަދުވަލު 2 އަށް ގަވާއިދެއް އިތުރުކުރަން ސަރުކާރުގެ އޮފީހަކުން ބޭނުންވެއްޖެނަމަ، އެއޮފީހަކުން އެގަވާއިދު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ހުށަހަޅަންވާނީ، އެގަވާއިދަށް ޢަމަލުކުރަންފެށުމާމެދު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ލަފާ ހޯދުމާއެކު، އެގަވާއިދަށް ޢަމަލުކުރަންފެށުމުގެ ހުއްދަ އެޓަރނީ ޖެނެރަލްގެ އޮފީހުން ދިނުމުންނެވެ.

7. ޢަމަލުކުރަމުންދާ ގަވާއިދަކަށް އިޞްލާޙެއް ގެނެވިއްޖެނަމަ، ނުވަތަ އެ ގަވާއިދު އުވާލެވިއްޖެނަމަ، އެކަން ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުން. ސަރުކާރުގެ އޮފީސްތަކުންނާއި ދައުލަތުގެ މުއައްސަސާތަކުން ހަދާ ގަވާއިދުތަކާއި އިޞްލާޙުކުރެވޭ ގަވާއިދުތަކަށް ޢަމަލުކުރަން ފެށޭނީ ދިވެހިސަރުކާރުގެ ގެޒެޓުގައި އެގަވާއިދެއް ނުވަތަ އިޞްލާޙްކުރެވުނު ގަވާއިދު ޝާއިޢުކުރުމަށްފަހު، އެގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިންނެވެ.

8. ސަރުކާރުގެ އޮފީސްތަކުންނާއި ދައުލަތުގެ މުއައްސަސާތަކުން ހަދާ އެންމެހައި ގަވާއިދުތައް www.mvlaw.gov.mv މި ވެބްސައިޓުން ބެލެން ހުންނާނެ އިންތިޒާމު އެޓަރނީ ޖެނެރަލްގެ އޮފީހުން ހަމަޖެއްސުމަށްޓަކައި، އަދި ސަރުކާރުގެ އޮފީސްތަކުންނާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން މިހާރު ޢަމަލުކުރަމުންދާ ގަވާއިދުތައް މިވެބްސައިޓުގައި ޝާއިޢުކުރުމަށްޓަކައި 1 އޭޕްރިލް 2010 ދުވަހުގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުން.

9. މި ދެންނެވުން ނެރޭ ތާރީޚުގެ ފަހުން ސަރުކާރުގެ އޮފީސްތަކުންނާއި ދައުލަތުގެ މުއައްސަސާތަކުން ޢަމަލުކުރަންފަށާ ގަވާއިދުތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުގައި، އެގަވާއިދުތައް ޝާއިޢުކުރާ އަހަރަށް ނިސްބަތްވާ ގޮތަށް ވަކި ތަރުތީބަކުން ސީރިއަލް ނަންބަރެއް އެގަވާއިދުތަކަށް ދެވޭނެއެވެ.

10. ސަރުކާރުގެ އޮފީސްތަކުންނާއި ދައުލަތުގެ މުއައްސަސާތަކުން ޢަމަލުކުރަމުންދާ ގަވާއިދުތަކުގެ ލިސްޓެއް ކޮންމެ މީލާދީ އަހަރެއް ފެށުމާއެކު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަމުން ގެންދެވޭނެއެވެ.

މިދެންނެވުން ނުކުތުމުން، މިއޮފީހުގެ ނަންބަރު 90/40 (9 ޖޫން 1990) ދެންނެވުން ބާޠިލުކުރައްވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.