މާލެއާއި އަތޮޅުތަކުގައި ހިނގާ އާދަޔާ ޚިލާފު ކަންކަމާއި، ހާދިސާތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ބައެއްފަހަރު އެނގިވަޑައިގަންނަވަނީ ވަރަށް ފަހުން ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިފަދަ ކަންތައްތައް ވަގުތުން ވަގުތަށް އެނގިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ކަމަށާއި، މިފަދަ ކަމަކާ ގުޅޭގޮތުން ސަރުކާރުން ވަގުތުން އަޅުއްވަންޖެހޭ ފިޔަވަޅެއް އޮތްނަމަ، އެ ފިޔަވަޅެއް އެޅުއްވޭނީވެސް، އެކަމުގެ މަޢުލޫމާތު ވީހާވެސް އަވަހަކަށް ލިބިވަޑައިގަތުމުން ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވީމާ، ސަރުކާރުގެ ކޮންމެ އިދާރާއަކުންވެސް، އެ އިދާރާއަކުން ޒިންމާ އުފުލަންޖެހޭ ދާއިރާއެއްގައި އާދަޔާ ޚިލާފު ކަމެއް ނުވަތަ ހާދިސާއެއް ހިނގައިފިނަމަ، އެކަން ވެވަޑައިގެންހާ އަވަހަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކަށް އެންގެވުމާއެކު، މިއޮފީހަށް އެކަން އެންގެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއޮފީހަށް އެކަން އަންގަވާނީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީގެ ވެރިޔަކު މެދުވެރިކުރައްވައި މިއޮފީހުގެ ކެބިނެޓް ސެކްރެޓެރީއަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މިއޮފީހަށް އެކަމެއް ނުރަސްމީ ގޮތެއްގައި އަންގަވަންޖެހިވަޑައިގެންފިނަމަ، އެކަމެއް ފަހުން ރަސްމީކޮށް މިއޮފީހަށް ލިޔުއްވަންވާނެ ކަމުގައި ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ދެންނެވުން ނުކުތުމުން، މިއޮފީހުގެ ނަންބަރު 6/84 (17 ޖަނަވަރީ 1984) ދެންނެވުން ބާޠިލުކުރައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.