އައު ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތް ހިންގުމުގެ ބާރުތައް ވަކިކޮށް ޑިމޮކްރެޓިކް ވެރިކަމުގެ އައު މަރުހަލާއެއް ފަށައިގަތުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި ސަމާލުވެވަޑައިގަންނަވަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަވަނީ ބައެއްކަހަލަ އެހީތެރިކަމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުމުން އެކަމާމެދު މީގެކުރީގައި ޢަމަލުކުރެވެމުންއައި އުސޫލަކީ ހަމަހަމަކަން ޤާއިމުކޮށްދޭ އުސޫލެއް ނޫންކަމެވެ.

އެހެންކަމުން، ބޭސްފަރުވާއާއި އެފަދަ އެހެނިހެން އެހީގެ ކަންތައްތަކުގައި މިހާރު ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ވެލްފެއަރއާބެހޭ ބަޔަށެވެ.

ޝަރުޢީ އަދި ޤާނޫނީ މައްސަލަތަކުގައި އެފަދަ ކަންކަން ހުށަހަޅުއްވާނީ ޝަރުޢީ ކޯޓުތަކަށެވެ.

ސަރުކާރުގެ ވުޒާރާތަކުން ކުރައްވާ ކަންތައްތަކުގެ ތެރެއިން އެހީތެރިކަމަށް އެދިވަޑައިގަންނަވާ އެހެނިހެން ކަންކަމާ ބެހޭގޮތުން ސަރުކާރުގެ އެކަމަކާބެހޭ އިދާރާތަކަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ.