ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އުތުރުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ތިލަދުންމަތީ ދެކުނުބުރީ ހަތް ރަށަކަށާއި، ތިލަދުންމަތީ އުތުރުބުރީ ދިއްދުއަށާއި، އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ދެރަށަކަށް ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާލެ ފައިބައިވަޑައިގެންނެވީ، އަލަށް މަރާމާތުކުރެވިފައިވާ ފަސް ނަމްބަރު ފާލަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އިސްތިޤްބާލުގައި، މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކާއި، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހައުސިންގ އެންޑް އެންވަޔަރަންމަންޓް އަކްރަމް ކަމާލުއްދީން ތިއްބެވިއެވެ. ބޭންކް އޮފް މޯލްޑިވްސްގެ މައި ޢިމާރާތާ ދިމާލުގައިވާ ބަނދަރުގެ ސަރަޙައްދު މިހާރުވަނީ ޖާގަބޮޑުކުރެވި، އަލުން ޚިދްމަތްދޭން ފަށާފައެވެ.