ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ އަދި ކުމުންދުއަށް އިއްޔެ ވަޑައިގެން، އެ ދެރަށުގެ ރައްޔިތުންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. މިދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ހިންގަވަމުން ގެންދަވާ އެކިއެކި ޕްރޮގްރާމްތަކާ ބެހޭގޮތުންނާއި، އެ ޕްރޮގްރާމްތަކުން މިހާތަނަށް ހޯދިފައިވާ ކާމިޔާބީތައް ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ.

މިގޮތުން، ކުރިނބީ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މި ޚިދްމަތް ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވުމަށް ރަނގަޅު ބަނދަރެއްގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެގޮތުން، 2011 ވަނަ އަހަރުގެ ބަޖެޓްގައި ކުރިނބީގެ ބަނދަރުގެ ފައިސާ ސަރުކާރުން ވަނީ ހިމަނުއްވާފައި ކަމަށާއި، ސަރުކާރުން ބޭނުންފުޅުވަނީ، ލޯކަލް ކައުންސިލް މެދުވެރިކޮށްގެން، އެފައިސާ ކައުންސިލުން ބަލަހައްޓައިގެން ބަނދަރު ހެދޭތޯ ބެއްލެވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. "އަޅުގަނޑު މިދެކެނީ 2011 ވަނަ އަހަރުގެ ވަރަށް ކުރީކޮޅުގައި، ޢަމަލީ މަސައްކަތް ފެށި، އިރާދަކުރެއްވިއްޔާ، އެއަހަރު ނިމެންވާއިރަށް، ބަނދަރުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ބަނދަރެއްގެ ބޭނުމަކީ، އެބަނދަރު ބޭނުންކޮށްގެން، އެއްތަނުން އަނެއް ތަނަށް މުދަލާއި ފަސިންޖަރުންނަށް ދެވޭނެގޮތް ހޯދުން ކަމުގައި ވިދާޅުވިއެވެ. އަދި މި ބަނދަރު މެދުވެރިކޮށްގެން، ކުރިނބީ ރައްޔިތުންނަށް ކިތަންމެ ގިނަ މަސައްކަތެއް ހިންގޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކުމުންދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ރާއްޖޭގެ ޞިއްޙީ ޙާލަތާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އ.ދ.އިން ކަނޑައަޅާފައިވާ "ފަޤީރުކަމުގެ ރޮނގުން" ތިރީގައިވާއިރު، އެ ރައްޔިތުންނަށް މީގެކުރިން ޞިއްޙީ ޚިދްމަތް، އަތްފޯރާ އަގެއްގައި ލިބެން ނުހުންނަކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ލިބެން ހުންނަ ޞިއްޙީ ޚިދްމަތްތަކަކީ، އެންމެ ރަނގަޅު ޚިދްމަތްތަކެއް ނޫންކަން ޚުދު އެމަނިކުފާނުވެސް ޤަބޫލުފުޅު ކުރައްވާ ކަމަށާއި، އެހެންނަމަވެސް، ރާއްޖޭގައި ލިބެންހުރި މިންވަރެއްގެ ޞިއްޙީ ޚިދްމަތްތަކެއްވެސް ހުރިހާ ރައްޔިތުންނަށް ލިބޭނޭގޮތް ހަމަޖައްސަވައިދެއްވުމަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. "އެކަން ކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ސިޔާސަތުތަކެއް އެބަ ތަންފީޒު ކުރަންޖެހޭ. ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހާޖެހުން އަޅުގަނޑުމެން އެބަހުއްޓާލަންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މަދަނައިގެ ވިއުގަ އުފެދިގެން އައީ، މިވިސްނުމުގެ ތެރެއިން ކަމަށާއި، ސަރުކާރުގެ އަމާޒަކަށްވީ ،ބޭސްފަރުވާ ހޯދުމަށް ދަތި މީހުންނަށް، ބޭސްފަރުވާ ލިބޭނޭ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމުގައި ވިދާޅުވިއެވެ. އަދި މިހާތަނަށް ކުމުންދޫ ރައްޔިތުންގެ ތެރެއިން 220 މީހުން މަދަނައިގައި ރަޖިސްޓްރީ ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.