މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި "ސަންގު ޓީވީ" ގެ ފަރާތުންނާއި "ސޯސަލް" މީޑިއާގެ ފަރާތުން ކުރެއްވި ސުވާލުތަކުގައި، ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގެ ވާހަކަ ފާހަގަ ކުރައްވާފައިވެއެވެ. ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުން، އިދާރީގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެނަމަ، އެ ފިޔަވަޅެއް އެޅި ސަބަބު ލިޔުމުން ލިބުމުގެ ޙައްޤު އެ މީހަކަށް ލިބިގެންވެއެވެ.
މި މާއްދާގައި ފާހަގަކުރާ ފަދައިން "އަދަދު" ނޫހަށް ފިޔަވަޅު އެޅިކަން އަންގާފައިވަނީ، މިއަދާ ހަމައަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މީޑިއާ އާ މުއާމަލާތު ކުރުމަށް ބޭނުންކުރާ ރަސްމީ ވަޓްސްއެޕް ގްރޫޕްގައެވެ. ރަސްމީ ވަޓްސްއެޕް ގްރޫޕްގައި ލިޔާ ލިޔުމަކީ، މިއޮފީހުން ހިއްސާކުރާ ރަސްމީ އިލެކްޓްރޯނިކް ލިޔުމެއްކަމުން، އަދަދު ނޫހަށް ފިޔަވަޅު އެޅިކަން އެވަނީ ލިޔުމުން އެންގިފައެވެ.
އަދި، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ޤާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤެއް ޤާނޫނަކުން ހަނިކުރާ ހާލަތުގައި، ކުރިއަރާފައިވާ ދިމުކްރާތީ މުޖުތަމައުތަކުގައި ޢަމަލުކުރާ އުސޫލަށް ރިއާޔަތްކުރަންޖެހޭނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެއްވެސް އުސޫލެއް ނުވަތަ ގަވައިދަކުންވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ހަނިވާފަދަ ހާލަތެއް މެދުވެރިއެއް ނުވާނެއެވެ.
އެއާ ވިދިގެން ކުރެއްވި ސުވާލުގައި، "ދައުރު" ނޫހާ މެދު ފިޔަވަޅެއް އަޅާފައިވަނީތޯ ކުރެއްވި ސުވާލާ ގުޅޭގޮތުން ދަންނަވަމެވެ. ދައުރު ނޫހާ މެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފިޔަވަޅެއް އަޅާފައެއް ނުވާނެއެވެ. މި އޮފީހުން ހަމައެކަނި ޢަމަލުކޮށްފައިވާ ގޮތަކީ، ދިވެހިރާއްޖޭގައި ރެޖިސްޓަރކޮށްފައިވާ ޖުމްލަ 377 ނޫސް، މަޖައްލާ އަދި ބްރޯޑްކާސްޓަރުން ތިބޭއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކުރާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަކިވަކިން ދައުވަތު ދޭން ފެށުމެވެ. މި ދައުވަތު ދެވެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގެ 4 ވަނަ މާއްދާއިން ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ.