ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އުތުރުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ތިލަދުންމަތީ ދެކުނުބުރީ ނައިވާދުއަށާއި ނެއްލައިދުއަށް ވަޑައިގެން، އެ ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ ބައެއް ޕްރޮގްރާމްތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ސަރުކާރުން ހިންގަވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޢުމުރުން 65 އަހަރުން މަތީ މީހުންނަށް ދެވޭ ދެހާސް ރުފިޔާގެ ޕެންޝަނަކީ، އެބޭފުޅުންނަށް ޙައްޤުވާ އެއްޗެއް ކަމަށް ސަރުކާރަށް ޤަބޫލުފުޅު ކުރެއްވޭތީ ދެއްވަން ނިންމެވި އެއްޗެއް ކަމުގައި ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް މި ރާއްޖެ މިގޮތަށް ލިބިފައި މިއޮތީ، މީގެ ކުރީގެ ޖީލުތައް، އަޅުގަނޑުމެންގެ ކާބަފައިން، އަޅުގަޑުމެންގެ ދޮށީ ޢުމުރުގެ މީހުން ކިތަންމެ މަސައްކަތެއް ކުރީތީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނެއްލައިދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް ސަރުކާރުން ހިންގަވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު އެރަށު ރައްޔިތުންނާ ޙިއްސާކޮށްލެއްވިއެވެ. އަދި ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް ވިޔަފާރިއަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވަމުން، ވިޔަފާރި ކުރިއެރުމަށް ބޭނުންވާ މުހިންމު ކަންކަމަކީ ބަނދަރަކާއި އަދި ދަތުރުފަތުރު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ސަރުކާރުންވާނީ 2011 ވަނަ އަހަރުގެ ބަޖެޓްގައި ނެއްލައިދޫ ބަނދަރު ހެދުމަށް ފައިސާ ހިމަނާފައި ކަމަށާއި، އެބަޖެޓަށް ބޮޑެތި ބަދަލުނައިސް ބަޖެޓް ފާސްވެއްޖެނަމަ، ނެއްލައިދޫ ބަނދަރު އިރާދަކުރެއްވިއްޔާ، 2011 ވަނަ އަހަރު ހެދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުން ބަޖެޓަށް ބޮޑެތި ބަދަލުގެންނަވައިފިއްޔާ، ބައެއް ކެޕިޓަލް ޚަރަދު މަދުކުރެއްވުމަށް ސަރުކާރަށް މަޖްބޫރުވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.