ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި ހާލުގައިޖެހޭ އަދި ޖެހިފައިވާ ހުރިހާ ރައްޔިތުންނަށްވެސް ރަނގަޅު ގޮތްތައް ހޯދައިދެވޭތޯ މަސައްކަތް ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމަނިކުފާނުގެ ރޭޑިއޯ ޚިޠާބުގައި މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، 26 ޑިސެމްބަރުގައި ފާހަގަކުރެވޭ ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

"ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ގެތަކުގެ ތެރެއިން 50 ގެއެއްގެ މަސައްކަތް ފިޔަވައި، އެހެން ހުރިހާ ގެއެއް އެޅުމުގެ މަސައްކަތްވެސް ވަނީ ނިމުމުގެ އެކި މަރުޙަލާގައި. މިދެންނެވި 50 ގެއަށް ބޭނުންވާ ފައިސާވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައި." ރައީސް ނަޝީދު ވިދާޅުވިއެވެ
26 ޑިސެމްބަރަކީ، ދިވެހިރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެބޮޑު ޤުދްރަތީ ކާރިސާގެ ސަބަބުން އެކިގޮތްގޮތަށް ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުން، އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

މިއަހަރުވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި އެކިއެކި ޙަރަކާތްތައް ހިންގޭނެއެވެ. މި ޕްރޮގްރާމްތަކުގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް ޙަރަކާތަކީ، މިއަންނަ އާދީއްތަ ދުވަހު ހެނދުނު 9.20 ގައި "ޤައުމީ އެއްބައިވަންތަކަމުގެ ސުކޫތު"ގެ ނަމުގައި، ހަމަހިމޭންކަމުގެ އެއް މިނެޓުގެ ސުކޫތެއް ގެނައުމެވެ. މިސުކޫތުގައި ބައިވެރިވެވަޑައިގެންނެވުމަށް، އެބޭފުޅަކު ހުންނެވި ޢިމާރާތަކުން ބޭރަށް، މަގުމައްޗަށް 9.10 ގައި ނިކުމެވަޑައިގެންނެވުމަށްފަހު، 9.20 ގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެވޭނެއެވެ.