ޤައުމެއްގެ ތަރައްޤީއަށް އޮތް އެންމެބޮޑު ވަސީލަތަކީ، އެ ޤައުމެއްގެ ކަންތައް، އެ ރައްޔިތެއްގެ ކަންތައް، އެ ރައްޔިތަކާ ގާތުން ހިންގޭނެ ނިޒާމެއް އެކަށައެޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ދިއްދޫގައި ރޭ ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އިރާދަކުރައްވައިގެން، 5 ފެބްރުއަރީގައި އަޅުގަނޑުމެންނަށް ކުރިމަތިލާން މިލިބެނީ، މިދެންނެވި ބާވަތުގެ ނިޒާމެއްގެ ބިންގާ ޤާއިމްކުރެވޭ ދުވަހަކަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ރައްޔިތުންގެ ތެރެއިން ނުކުންނަ ބަޔަކު، އެ ރައްޔިތުންނާ ގުޅޭގޮތުން ކަންކަން ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މި ނިޒާމް މެދުވެރިކޮށް، މި ރާއްޖޭގެ ތަރައްޤީ އިރާދަކުރެއްވިއްޔާ ހޯދޭނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، ހަމައެކަނި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމުން މަސައްކަތް ހުއްޓާލެވޭކަށްނެތް ކަމުގައި ވިދާޅުވެ، އެ ކައުންސިލްތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް މަގުފަހިކޮށްދޭނޭ ކައުންސިލްތަކަކަށް ހެދުމުގެ މަސްއޫލިއްޔަތާއި ޒިންމާ ސަރުކާރުން ނަންގަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އަޅުގަނޑުމެން މިތިބީ އެކަން ކުރާން. އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ކަމުގެ ވަރަށްބޮޑު އިތުބާރަކާއި ޔަޤީންކަމާއެކު." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިއްދުއަށް މިކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ހިއްކި ސަރަހައްދާއި ގިރާ ސަރަހައްދުވެސް ބައްލަވާލެއްވިއެވެ.