2011 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ތަންފީޒު ކުރުމަށްޓަކައި އަތޮޅުތަކަށާއި، ސަރަޙައްދީ މަރްކަޒުތަކަށް ބަހާލެވޭ އުޞޫލު، ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައެވެ.

މިގޮތުން ނިންމެވީ، ބަޖެޓްގައި ހިމެނޭ ޕްރޮގްރާމްތައް، ލާމަރްކަޒީ އުޞޫލުން ރަށު ފެންވަރުގަޔާއި، އަތޮޅު ފެންވަރުގަޔާއި އަދި ސަރަޙައްދީ މަރްކަޒުތަކުގައި ހިންގުމަށް، އެޕްރޮގްރާމްތަކުގެ އަންދާޒާ ޚަރަދުތައް ކުރުމަށް ފައިސާ ކަނޑައެޅޭނެ އުޞޫލުތަކަކީ، ކޮންމެ ޕްރޮގްރާމެއްގައި ހިމެނޭ ރިކަރަންޓް ޚަރަދުތައް، މިދަންނަވާ ގޮތަށް ބަހާލެވިގެން ކުރިއަށް ގެންދިޔުމެވެ.

- މައި ސަރުކާރަށް 30 އިންސައްތަ
- ރަށްތަކަށް 50 އިންސައްތަ
- އަތޮޅުތަކަށް 13 އިންސައްތަ
- ސަރަޙައްދީ މަރްކަޒުތަކަށް 7 އިންސައްތަ

ރަށްތަކަށް ޚަރަދުތައް ބަހާލާގޮތަށް ހަމަޖައްސަވާފައިވަނީ، ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ނިސްބަތުންނެވެ. އަދި އަތޮޅުތަކަށާއި ސަރަޙައްދީ މަރްކަޒުތަކަށް ޚަރަދުތައް ބަހާލެވޭނީ، ހަމަހަމަ އުޞޫލެއްގެ މަތިން ކަމުގައިވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމެވިއެވެ. ބަޖެޓްގައި ހިމެނިފައިވާ އޮފީސް ހިންގުމުގެ ޚަރަދާއި، އަދި ކެޕިޓަލް ޚަރަދު، މިދެންނެވި އުޞޫލުގައި ނުހިމެނެއެވެ.

ލޯކަލް މާރކެޓް ކައިރީގައި ތިބޭ މީހުން އިތުރުވުމާއި، އެސަރަޙައްދުގައި ރޭގަނޑު ނިދަންތިބޭ ތިބުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ، އިޖްތިމާޢީ ޢަދާލަތުގެ ކަންކަން ފުރިހަމަކުރުމަށް، މާލެއާއި އެކިރަށްރަށުގައި އަޅާލާނެ މީހެއް ނެތް މިސްކީނުންނަކީ ކޮބައިކަން ދެނެގަނެ، ކަނޑައެޅޭ އުޞޫލަކުން ޢަމަލުކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތައް ބައްދަލުވެ، މުޅި ރާއްޖޭގައި އުޅޭ މިފަދަ މީހުންގެ ކަންކަން ބެލުމަށެވެ.

މީގެއިތުރުން، ސައުތު އޭޝިއަން ރީޖަނަލް ސްޓޭންޑަޑް އޯގަނައިޒޭޝަން (ސާސޯ)ގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރައްވައި، މި އެގްރީމެންޓް ތަޞްދީޤު ކުރެއްވުމާމެދު ގޮތެއް ނިންމެވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމެވިއެވެ.