މި އޮފީހުން ނީލަމުގައި ވިއްކާލާފައިވާކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ، ދިވެހިރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންފުޅުކުރައްވާފައިވާ ރަސްމީ މޭޒުކޮޅެއް ނޫނެވެ.
މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒު މި އޮފީހުން ނީލަމަށްލާފައިވާނީ، ކަތުރުފަނިއެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުގެ ސަބަބުން، ދައުލަތުގެ މިފަދަ މުދާ ނީލަމަށްލުމަށް އޮންނަ އުޞޫލުތަކާއި އިޖްރާއަތުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.
މިގޮތަށް ނީލަމަށްލާ ކޮންމެ ފަރުނީޗަރެއްވެސް މި އޮފީހުން ނީލަމަށްލަނީ، ދައުލަތުގެ ނިޝާން ހަރުކޮށްފައިވާނަމަ، ނިޝާން ނައްޓައިލުމަށް ފަހުއެވެ. ނަމަވެސް ޚަބަރުތަކާއި ފޮޓޯތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން އެވަނީ ބަދަލުތަކެއް ގެނަސް، ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތްކޮށްފައެވެ.
ވީމާ، މިފަދަ ޚަބަރުތައް މީޑިއާގައި ޝާއިޢުކުރެއްވުމުގެ ކުރިން ސީދާ ކަމާބެހޭ ރަސްމީ އިދާރާތަކުން އެކަމުގެ ޞައްޙަ މަޢުލޫމާތު ހޯއްދެވުމަށް، އަދި ރަސްމީގޮތުން ކަށަވަރުކުރެއްވުމަކާ ނުލައި، ހަގީގަތާ ޚިލާފަށް އަދި ރައްޔިތުންނަށް އޮޅުންއަރާގޮތަށް މިފަދަ މަޢުލޫމާތު ޢާއްމު ނުކުރެއްވުމަށް އިލްތިމާސްކުރަމެވެ.