މާލޭގައި ދިރިއުޅެން ދަތި ފަރާތްތަކަށް "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން ބިން ތަނަވަސް، ބޯހިޔާވަހިކަމަކަށް ބަދަލުކުރުމުގެ އުޞޫލުތައް ވަޒީރުންގެ މަޖިލީހުން މިއަދު ކަނޑައަޅުއްވައިފިއެވެ. މިއުޞޫލުގައިވާ ގޮތުގެ މަތިން "ވެށިފަހި މާލެ] ޕްރޮގްރާމްގެ ދަށުން މައިގަނޑު ތިން ގިންތިއެއްގެ ބަޔަކަށް އެކަށީގެންވާ ބޯހިޔާވަހިކަން ލިބިގަތުމުގެ ފުރްޞަތު އޮންނާނެއެވެ. އެ ތިން ގިންތިއަކީ، ކުދި ބިންތަކުގައި ދިރިއުޅޭ މާލޭ ރަށްވެހިންނާއި، ބިން ނުވަތަ ދިރިއުޅޭނޭ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހިންނާއި އަދި މުނިސިޕަލްޓީ ދަފްތަރުގައި މިއަހަރުގެ ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި، މާލޭގައި ވަޒަންވެރިވެފައިވާ މީހުންނެވެ.

[ވެށިފަހި މާލެ] ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ހުޅުވާލެވޭ ފުރްޞަތުގެ ދަށުން ކުދި ބިންތަކުގައި ދިރިއުޅޭ މާލޭގެ ރަށްވެހިންގެ ގިންތި ހުޅުވާލެވެނީ ޖުމްލަ އެއްހާސް ފަރާތަކަށެވެ. އެފަރާތްތަކަށް ޚާއްޞަ ކުރެވިފައިވަނީ، މާލެއިން ފައްސަތޭކަ ހައުސިންގ ޔުނިޓާއި، ހުޅުމާލެއިން ދުއިސައްތަ ފަންސާސް ހައުސިންގ ޔުނިޓާއި، ހުޅުމާލޭގައި ކަނޑައެޅޭ ބާރަސަތޭކަ އަކަފޫޓްގެ ދުއިސައްތަ ފަންސާސް ގޯއްޗެވެ.

ބިން ނުވަތަ ދިރިއުޅޭނޭ އަމިއްލަ ތަނެއް ނެތް މާލެއަށް އުފަން ރަށްވެހިންގެ ގިންތިއަށް ހުޅުވާލެވޭނީ ޖުމްލަ 450 ފަރާތަށެވެ. އެފަރާތްތަކަށް ޚާއްޞަ ކުރެވިފައިވަނީ، މާލޭގައި އަޅާ ހައުސިންގ ޔުނިޓުގެ ތެރެއިން ސަތޭކަ ފަންސާސް ހައުސިންގ ޔުނިޓާއި، ހުޅުމާލެއިން ތިންސަތޭކަ ހައުސިންގ ޔުނިޓެވެ.

މީގެ އިތުރުން، [ވެށިފަހި މާލެ] ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ހުޅުވާލެވޭ ފުރްޞަތުގެ ދަށުން، މުނިސިޕަލްޓީ ދަފްތަރުގައި މިއަހަރުގެ ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި، މާލޭގައި ވަޒަންވެރިވެފައިވާ މީހުންގެ ގިންތިއަށް ހުޅުވާލެވޭނީ ޖުމްލަ ތިންސަތޭކަ ފަރާތަށެވެ. އެފަރާތްތަކަށް ޚާއްޞަ ކުރެވިފައިވަނީ، މާލޭގައި އަޅާ ހައުސިންގ ޔުނިޓުގެ ތެރެއިން ސަތޭކަ ޔުނިޓާއި، ހުޅުމާލެއިން ދުއިސައްތަ ހައުސިންގ ޔުނިޓެވެ.

[ވެށިފަހި މާލެ] ޕްރޮގްރާމަކީ ބޯހިޔާވަހިކަމަށް ދަތިވެފައިވާ މާލޭގެ ރަށްވެހިންނަށް ޙައްލެއް ހޯދައިދިނުމުގެ އިތުރުން، މާލެ ތޮއްޖެހުންވެސް ކުޑަކުރުމުގެ ބޭނުމުގައި ހިންގޭ ޕްރޮގްރާމެކެވެ. ސަރުކާރުގެ ދިހަހާސް ހައުސިންގ ޔުނިޓް ބިނާކުރުމުގެ މަޝްރޫޢުގެ ތެރެއިން މާލެ ސަރަޙައްދުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ތިންހާސް ހައުސިންގ ޔުނިޓުގެ ބޮޑުބައެއް އަމާޒުކުރެވިފައިވާނީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން އެންމެދަތި ޢާއިލާތަކަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށެވެ. މި ތިންހާސް ހައުސިންގ ޔުނިޓުގެ ތެރެއިން އެއްހާސް ޔުނިޓް ބިނާކުރުމުގެ މަސައްކަތް މިހާރުދަނީ ހުޅުމާލޭގައި ހިނގަމުންނެވެ. އަނެއް ދެހާސް ޔުނިޓުގެ މަސައްކަތް މިފެށޭ 2011 ވަނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.