ރާއްޖެއަށް ޒިޔާރަތްކުރި ހަތްލައްކަ ފަންސާސްހާސްވަނަ ފަތުރުވެރިޔާ ކަމުގައިވާ މިސިޒް ޑެނިއެލާ ރުތްއާއި އޭނާގެ ޢާއިލާއާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ހަތްލައްކަ ފަންސާސްހާސްވަނަ ފަތުރުވެރިޔާއާ ބައްދަލުކޮށްލެއްވުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ގޮސްފައިވާ މިންވަރުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

މިސިޒް ޑެނިއެލާ ރުތް ދެއްކި ވާހަކައިގައި، ރާއްޖެއަށް ޒިޔާރަތްކުރާ ހަތްލައްކަ ފަންސާސްހާސްވަނަ ފަތުރުވެރިޔާއަށްވުމުގެ ޝަރަފް އޭނާއަށް ލިބުމުން، ވަރަށް ބޮޑަށް ޙައިރާންވި ކަމަށާއި، ރާއްޖެއަކީ ޤުދްރަތީ ގޮތުން ވަރަށް ރީތި އަދި ހިތްފަސޭހަ ޖަޒީރާ ޤައުމަކަށްވާތީ، ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަން ފާހަގަކުރިއެވެ. އަދި އޭނާއާއި އޭނާގެ ޢާއިލާއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކޮށްލެއްވިކަންވެސް އެއީ، ވަރަށްބޮޑު އުފަލެއް އިޙްސާސް ކުރެވުނު ކަމެއް ކަމަށްވެސް ދެންނެވިއެވެ.

މިއީ، މިސިޒް ޑެނިއެލާ ރުތް ރާއްޖެއަށް ކުރެއްވި ދެވަނަ ޒިޔާރަތެވެ.