ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 37 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލަވާލާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ބަންޑާރަނައިބު ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު ހަމަޖެއްސެވި ކަމުގެ ލިޔުން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިމަތީގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ޑޮކްޓަރ ސަވާދު ކުރެއްވިއެވެ.