އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިޒް ކެތީ ކްލޫގްމަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ވެދެއްވާ އެހީގެ ޕްރޮގްރާމާ ބެހޭގޮތުންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަޢްލީމީ ދާއިރާއަށް އޮސްޓްރޭލިއާ ސަރުކާރުން ވެދެއްވާ އެހީތަކަށް ޝުކުރު އަދާކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާގެ ސީދާ އެދިވަޑައިގަތުމަކަށް، އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ދެއްވާ މަތީ ތަޢްލީމުގެ ސްކޮލަރޝިޕްތައް މިއަހަރު އިތުރުކުރައްވާފައިވާތީ، އޮސްޓްރޭލިއާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި، މިއަހަރު އޮސްޓްރޭލިއާއަށްދާ ރާއްޖޭގެ ކިޔަވާ ކުދިންނާއި، އޮސްޓްރޭލިއާއިން ތަޢްލީމް ޙާޞިލު ކޮށްފައިވާ ކުދިންނަށް މަރްޙަބާ ކިޔުމުގެ ގޮތުން، އޮސްޓްރޭލިއާ ހައިކޮމިޝަނުން މިރޭ މާލޭގައި ބާއްވަވާ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާތީ، އެކަމަށްޓަކައި ޝުކުރު ދެންނެވިއެވެ.

މީގެއިތުރުންވެސް، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، އޮސްޓްރޭލިޔާ ސަފީރަށް މަޢްލޫމާތު ދެއްވިއެވެ.