22 ނޮވެމްބަރ 2010ވި ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 15 ވަނަ ޖަލްސާއިން ފާސްކުރެއްވި "ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ބިލް"، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މިޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މިއީ، ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމާއި، ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުގެ ކަންތައްތައް އިންތިޒާމު ކުރުމާއި، ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ބޭންކުތައް ހިންގުމަށްޓަކައި ޢަމަލު ކުރަންޖެހޭ އުޞޫލުތައް ކަނޑައެޅުމަށާއި، ބޭންކުތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ކޮންޒަވޭޓަރުންނާއި، ރިސީވަރުން ޢައްޔަން ކުރުމާއި، ބޭންކުތައް އިފްލާސް ކުރުމާއި، ބޭންކުތަކާ ގުޅޭ މިނޫންވެސް ކަންކަން ކަނޑައެޅުމަށް ހަދާފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ، ތިރީގައިވާ ކަންތައްތައް ޙާޞިލު ކުރުމަށްޓަކައި ބޭންކިންގއާބެހޭ އުޞޫލުތައް އެކަށައަޅައި، އެ އުޞޫލުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމު ހިނގާތޯ ބެލުމެވެ.

1. ބޭންކިންގ ނިޒާމުގެ ހަރުދަނާކަން ހިފަހައްޓައި، ބޭންކިންގ ނިޒާމާ ދޭތެރޭ ޢާންމުންގެ އިތުބާރު ދެމެހެއްޓުން.
2. ބޭންކުގެ ޑިޕޮސިޓަރުންނާއި ކްރެޑިޓަރުންގެ ޙައްޤުތައް ރައްކާތެރިކުރުން.
3. ބޭންކިންގ ނިޒާމަށް އެކަމަކުން ނުރަނގަޅު އަސަރެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވެ، އެކަންތައްތަކާމެދު އެކަށޭނަ ފިޔަވަޅު އެޅުން.
4. މަނީ ލޯންޑްރިންގއާއި، ޓެރަރިޒަމް ފައިނޭންސް ކުރުމުގެ ކުށްތަކާއި، ޚިޔާނާތާއި އަދި މިނޫންވެސް މާލީ ކުށްތައް ހުއްޓުވުން.
5. ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ވާދަވެރިކަން ފުޅާކުރުމާއި، ބޭންކިންގ ނިޒާމަކީ ޢާންމުންގެ ބޭނުންތަކާ އެއްގޮތަށް ބޭންކިންގ ޚިދްމަތްތައް ފޯރުކޮށްދޭ އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ނިޒާމެއް ކަމުގައި ހެދުން.

މިޤާނޫނު ތަންފީޛުކޮށް ހިންގާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިންނެވެ.