ތައިލެންޑްގައި ބޭއްވުނު "އޭޝިޔަން ކްރިކެޓް ކައުންސިލް ޓްރޮފީ ޗެލެންޖް 2010" ކްރިކެޓް މުބާރާތުން ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް ޗެމްޕިއަންކަން ހޯދުމާ ގުޅިގެން، އެ ޓީމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޓީމަށް ތަހުނިޔާ ވިދާޅުވީ، ރޭ މުލީއާގޭގައި ބޭއްވުނު ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއީ މިހާތަނަށް ކުޅިވަރުގެ މުބާރާތެއްގައި ރާއްޖެއަށް ލިބުނު އެންމެ މަތީ މަގާމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މީގެ ސަބަބުން ރާއްޖޭގެ ކްރިކެޓް ޓީމަށް 2011ވަނަ އަހަރު ރޭންކިންގ ރަނގަޅުވެ އިތުރު އެތައް މުބާރާތެއްގެ ފުރުސަތު ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން ބައިވެރިވީ 8 ޤައުމެވެ. މުބާރާތް ކުޅުނީ، މުބާރާތުގައި ބައިވެރިވި 8 ޤައުމު ދެބަޔަށް ބަހާލައިގެންނެވެ. ރާއްޖެ ހިމެނުނު ބީ ގްރޫޕްގައި ރާއްޖޭގެ އިތުރުން ކުޅުނީ ސަޢޫދީ ޢަރަބިއްޔާ، ބުރޫނާއީ އަދި ޗައިނާ އެވެ.

ފައިނަލްގައި ސަޢޫދީ ޢަރަބިއްޔާއާ ބައްދަލުކޮށް ދިވެހިރާއްޖެ މޮޅުވީ 1 ވިކެޓުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ރޭ ބޭއްވެވި ރޭގެ ޕްރެސްކޮންފަރެންސްގައި ރާއްޖޭގައި މިހާރު ހިނގަމުންދާ ބައެއް ކަންކަމުގެ މައްޗަށް ބިނާކޮށް ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވިއެވެ. މިގޮތުން، ސުޕްރީމް ކޯޓުގެ ދެ ޙުކުމާގުޅޭގޮތުންނާއި، އާ ވަޒީރުން ޢައްޔަންކުރެއްވުމާއި، ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމާ ގުޅޭގޮތުންނާއި އަދި މިނޫންވެސް ބައެއް އެހެންކަންކަމާބެހޭގޮތުން ނޫސްވެރިން ސުވާލު ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސުޕްރީމް ކޯޓުގެ ނިންމެވުމަށް ސަރުކާރުން ފުރިހަމައަށް އިޙްތިރާމް ކުރައްވާނެ ކަމަށާއި، ސުޕްރީމް ކޯޓުގެ މި ނިންމެވުންތަކަކީ ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ޤާނޫނުއަސާސީއާ ބެހޭގޮތުން ފަހު ބަސްތަކެއް ހޯދުމަކީ، އަޅުގަނޑުމެންނަށް ބޭނުންތެރިކަމެއް. މުސްތަޤްބަލުގައި ރާއްޖޭގެ ކަންކަން އޮމާންގޮތުގައި ދިޔުމަށް ކޮންމެހެން ބޭނުންތެރިކަމެއް. ޤާނޫނުއަސާސީގެ ވީހާވެސް ގިނަ މާއްދާއެއްގެ ތަފްޞީލު އަދި އެ މާއްދާތައް ތަންފީޒުކުރަމުން ގެންދާނެގޮތް އަޅުގަނޑުމެންނަށް ސާފުވެގެންދިޔަ މިންވަރަކަށް އަޅުގަނޑުމެންނަށް ޤާނޫނީ ދައުލަތެއް ހިންގައި ޑިމޮކްރަސީ ރާއްޖޭގައި އަށަގަންނަވަން ފަސޭހަވެގެންދާނެ. ވީމާ، އަޅުގަނޑު ދެކެނީ މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމުގައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން މި ހަފްތާގެ ރޭޑިއޯ ހިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުންވެސް، ވެރިކަމުގެ ފަރާތުން އެއްކިބާވެފައިވާ މުސްތަޤިއްލު ސުޕްރީމް ކޯޓެއް އުފެއްދިފައިވާކަން ފާހަގަކުރައްވައި، އެއީ، ލިބިވަޑައިގެންނެވި ކާމިޔާބީއެއް ކަމަށާއި، އެއީ، މި ސަރުކާރުގެ މަސައްކަތުގެ ވަރަށްބޮޑު ޙިއްޞާއެއް ކަމުގައި ވަނީ ވިދާޅުވިއެވެ.