އަމިއްލަ ފަރާތްތަކުގެ ބޮޑެތި ފެކްޓަރީތަކާއި އަދި ސަރުކާރުގެ ބޮޑެތި ފެކްޓަރީތަކަށް އެކަށީގެންވާ އަދަދަށް މަސްނުލިބޭތީ، އަދި ފެކްޓަރީތައް ހިންގުން ދަތިވެފައިވާތީ، އެ ފަރާތްތަކުގެ މަސްބަންދުކުރާ ކާރުޚާނާތައް ހިންގުމަށްޓަކައި، އެ ފަރާތްތަކަށް ބޭރުން މަސް އިމްޕޯޓް ކުރުމުގެ ހުއްދަ ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، އަރިއަތޮޅު އުތުރުބުރި އުކުޅަހުގައި ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހުއްދަ ޢާންމުކޮށް ފެކްޓަރީތަކަށް ދެއްވުމުން، ހެޔޮއަގުގައި ބޭރުން އެ ފަރާތްތަކަށް މަސްލިބި، އަދި އެފަރާތްތަކުން އެމަހުން އިތުރު ބާވަތްތައް އުފެއްދުމަށްފަހު، އެކްސްޕޯޓު ކުރުމުގެ ފުރުޞަތު ހުޅުވާލެވޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަކީ ޒަމާނުއްސުރެ ފެށިގެން ކަނޑުގެ ރޯދިން ދިރިއުޅެމުން އައި ރާއްޖެއެއްކަން ބަޔާންކުރައްވަމުން، ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ވަޒީފާއަދާކުރާ ޞިނާޢަތަކީ، އަދި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ސީދާ އާމްދަނީ ފޯރުކޮށްދޭ ޞިނާޢަތަކީ މަސްވެރިކަން ކަމުގައި ވިދާޅުވިއެވެ. ރާއްޖެއަށް މިއަދާ ހަމައަށް ލިބިފައިވާ ތަރައްޤީގެ ވަރަށްބޮޑު ޙިއްޞާއެއް އަދާކޮށްފައިވަނީ، މަސްވެރިންކަމާއި ރާއްޖެ މިއަދު މި ދެކޭ ފަހިކަން ހޯދައިދީފައިވަނީވެސް ރާއްޖޭގެ ހީވާގި މަސްވެރިންކަމަށް ވިދާޅުވެ، ރާއްޖޭގެ މަސްވެރިންނަށް މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ރައީސުލްޖުމްހޫރިއްޔާ ރައްދުކުރެއްވިއެވެ.

މިދިޔަ ތިން ހަތަރުމަހެއްހާ ދުވަހު އުތުރުގެ ބައެއް ރަށްރަށަށް މަސްވެރިކަން ތިޔާގިވެފައިވީ ކަމުގައިވިޔަސްވެސް، މަސްވެރިން ބާނާމަހުގެ އަދަދު، މިދިޔަ ދިހަވަރަކަށް ފަނަރަވަރަކަށް އަހަރުގެ ތެރޭގައި އާންމުގޮތެއްގައި މަދުވަމުން އައިސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މަސްވެރިންނަށް ލިބޭ މަސްކޮޅު މަދުވަމުން މި އަންނަނީ، ރާއްޖޭގެ މަސްކަނޑުތަކުގެ ހަމަ ވަރަށް ގާތުން، ބޭރުން ދާއަޅައިގެން ބާނާމަހުގެ ޢަދަދު އިންތިހާއަށް މިހާރު ގިނަވެފައިވާތީކަމަށް ކަމާބެހޭ މާހިރުން މަޢްލޫމާތު ދެއްވަމުން ގެންދަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ މަސްވެރިކަން މިހާރު މިހުރި ގޮތަށްހުރެ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤުދުރަތީ މުއްސަނދިކަމުގެ ފުރިހަމަ ބޭނުން ހިފޭނެ ކަމަކަށް މިހާރު ފެނިވަޑައިނުގަންނަވާކަންވެސް ހާމަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ބޭރު ދުނިޔެއަށް އަދި ބައިނަލްއަޤްވާމީ އިޤްތިޞާދަށް އަންނަ ކޮންމެ ލޮޅުމެއް، އަންނަ ކޮންމެ ގުޑުމެއް ވެގެންމިދަނީ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ހީނަރުކަމެއް ގެނެސްދޭ ގުޑުންތަކަކަށް އަދި ލޮޅުންތަކަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިވޭތުވެދިޔަ ދުވަސްތަކުގައި ކަނޑުގެ ރޯދީގެ ތެރެއިން ބޭނުންކުރެވެން އޮތް، ވަރަށްބޮޑު އަދަދެއްގެ މުއްސަނދިކަމެއް އަޅުގަނޑުމެންވަނީ މުޅިން ހަނދާން ނައްތާލާފައި ކަމަށް ވިދާޅުވެ، ރާއްޖޭގެ ފަޅުތަކާއި ފަރުތަކާއި ވިލުތަކާއި ހާހަލުގައިވާ ޤުދުރަތީ މުއްސަނދިކަމަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރެއްވިއެވެ. އަދި ސަރުކާރުން އަމާޒުކުރައްވަމުން ގެންދަވަނީ ޚާއްޞަ ގޮތެއްގައި ދެބާވަތެއްގެ ރޯދިން ކުރިއަށް މިއޮތް 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އެކަށީގެންދާ އާމްދަނީއެއް ހޯއްދެވުމަށްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި ވިލުންނާއި ފަޅުންނާއި ފަރުން، ރާއްޖޭގެ އިޤްތިޞާދަށް ރަނގަޅު ފަސް ހަމިލިއަން ޑޮލަރުވެސް ނުވަންނަކަން ހާމަކުރައްވަމުން، މިއަދަދަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ގިނަ އަދަދަކަށް ގުނަކުރެވެން އޮތް އަދަދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، 2011 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ އެންމެ މުހިންމު އެއް އަމާޒަކީ، ފާނައިގެ މަސްވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ 2011 ވަނަ އަހަރާއި 2012 ވަނަ އަހަރު ވެގެންދާނީ، ފާނައިގެ މަސްވެރިކަމަށް ރާއްޖެއަށް ވަރަށް ފާގަތި އަހަރަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރޭ ދެއްކެވި ވާހަކަފުޅުގައި، 2011 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ އެންމެ ބޮޑު އަމާޒަކަށްވާނީ، ރާއްޖެއިން ހުއިފިލަނޑާ ބޭރުކޮށްގެން މަދުވެގެން 50 މިލިއަން ޑޮލަރު ރާއްޖެއަށް އެތެރެކޮށް، ރާއްޖޭގެ އެކްސްޕޯޓް އިރާދަކުރެއްވިއްޔާ އެ އަމާޒަށް ގެންދެވުން ކަމުގައިވެސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ މަސްވެރިން ބާނާމަހަށް އެންމެ ބޮޑު އަގެއް އެ މަސްވެރިންނަށް ދެއްވޭނެ ގޮތެއް ހޯއްދެވުން ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ކޮންމެ ކުންފުންޏަކަށްވެސް، ރާއްޖޭގެ މަސްވެރިންގެ އަތުން ރޯމަސްގަނެ އެ މަސް ބޭރުކުރުމުގެ ހުއްދަ ދެއްވުމަށް ނިންމަވައި، އެކަން މިހާރު އިޢުލާން ކުރައްވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.