ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމަކަށް، އެއްވެސް ފަރާތަކުން ފުރްޞަތު ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ، މިއަދަކީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސްކަމަށްވުމާއެކު، ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގައި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންގެ އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވެއެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަކަށް އިލްތިމާސް ކުރައްވާފައިވެސްވެއެވެ. އަދި ސަރުކާރުގެ ކޮންމެ އިދާރާއަކުން ކުރާ ކޮންމެ ކަމެއްވިޔަސް، ކޮންމެ މަސައްކަތެއްވިޔަސް، ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަށް، އެކަމެއް ކުރެއްވުމަށް ދެއްވަންވާ ސަމާލުކަން ދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

ރާއްޖެއިން ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތަކީ، މި ސަރުކާރު އުފެދުމުގެ ކުރީއްސުރެ އެކަމާ ތައްޔާރީތަކެއްވެ، ހިންގުމުގެ ހުރިހާ ސިޔާސަތަކާއި ދާއިރާތަކަށް އަމާޒުކުރެވިގެން ހިންގޭ މަސައްކަތެއްކަން މި ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވަނީ ވަރަށް އިޚްލާޞްތެރި ނިޔަތަކާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ.

ތަރައްގީގެ މަގުގައި ކުރިއެރުންތައް ހޯދުމަށް ސަރުކާރުންކުރައްވާ މިންނެތް މަސައްކަތްތަކުގައި، ފައިސާއާއި ތަކެއްޗާއި ވަގުތުގެ ހޭދަކުރައްވާން ތިއްބެވި މިރާއްޖޭގެ ވިޔަފާރިވެރިންގެ އަދި ބޭރުގެ ފަރާތްތަކުގެ އިތުބާރު ގުޅިފައިވަނީ، ކޮރަޕްޝަނާއި ފަސާދައިން އެފަދަ ޙިއްޞާތައް ނުވަތަ އިންވެސްޓްމަންޓްތައް ސަލާމަތްކުރެވި އޮންނާނެ މިންވަރަކާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ބަޔާންކުރައްވާފައިވެއެވެ. އަދި މިކަންކަން ވަރަށް ބޮޑަށް ގުޅިފައިހުރީ، އެންޓިކޮރަޕްޝަން ކޮމިޝަން، ހިޔުމަން ރައިޓްސް ކޮމިޝަންފަދަ މިޤައުމުގެ މިނިވަން މުއައްސަސާތަކުގެ މިނިވަންކަމުގެ މިންވަރާއި، އެތަންތަން މުސްތަޤިއްލު ކަމުގައި ފެންނަ އަދި ބެލެވޭ މިންވަރާ ކަމުގައި ވިދާޅުވެފައިވެއެވެ. މި ރޮނގުން ޚިޠާބު ކުރިއަށް ގެންދަވަމުން، ކޮރަޕްޝަނާ ދެކޮޅަށް އަޅުގަނޑުމެންކުރާ މަސައްކަތް ގޭތެރެއިން ފެށޭ މަސައްކަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވާފައިވެއެވެ.

"ރިޝްވަތު ދިނުމާއި ހިފުމުގެ ހުތުރުކަމާއި ލަދުވެތިކަން އެއީ ކޮންމެ މަޔަކު އަދި ބަފަޔަކުމެ ޅަދަރީންނަށް ގޭތެރެއިން އެކިގޮތްގޮތަށާއި، އެކި މިސާލުން ވިސްނަވައިދެއްވާ ކަންކަމަށް ހެއްދެވުމަށް އަބަދުމެ ހަނދުމަފުޅު ބަހައްޓަވަންވާނެއެވެ. ކޮރަޕްޝަނުގެ އެކި ޢަމަލު އެއީ، އެކަމެއްގެ ކުޑަބޮޑުމިނާ ނުބައްދަލު މުޑުދާރު ހަޑިހުތުރު ކަންކަން ކަމާއި، އެކިނަމުގައި ހުށައެޅޭ ދީލަތި އެހީ އެއީ، ރިޝްވަތާއި ކޮރަޕްޝަން ކަމަށް ބަދަލުވެގެންދާ ޙާލަތުތަކާމެދު ގޭތެރޭގައިވެސް، މަދަރުސާތަކުގައިވެސް އަދި އޮފީސްތަކުގައިވެސް ވާހަކަ ދައްކަވައި ހާމަކުރައްވައި ބުނެދެއްވުމަކީ، މުހިންމު ކަންކަން ކަމުގައި އަބަދުވެސް ބައްލަވަންވާނެއެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްވެސް ކަމެއް ހިނގުމުގެ ފުރްޞަތަކީ، ސަރުކާރުގައިވިޔަސް އަދި އަމިއްލަ ވިޔަފާރީގައިވިޔަސް އޮވެގެންވާނެ ފުރްޞަތެއް ނޫންކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދިވެސް އެމނަިކުފާނު ވިދާޅުވެފައިވެއެވެ. "މިއަދު އަޅުގަނޑު ފާހަގަކޮށް މިދަންނަވާލަނީ ސަރުކާރުގެ ސިޔާސީ އަދި މަދަނީ ޚިދްމަތްތެރިންނާއި ވިޔަފާރިވެރިންނާއި އަދި ކޮންމެ ފަރުދަކުމެ، ތިމާއަކީ ކޮރަޕްޝަނުގެ އެއްވެސްކަހަލަ ތުހުމަތެއް ނުކުރެވޭނެ، މުޖުތަމައަށް ހުރި މިސާލެއް ކަމުގައިވުމަށެވެ. ކަށަވަރުކަމާއެކު އަޅުގަނޑު މިދަންނަވާލަނީ، ކޮރަޕްޝަނުގެ ކުޑަވެސް ކަމެއް އަޅުގަނޑުގެ ކިބައިގައި ނޯންނާނެ ކަމަށާއި، ކިތަންމެ ކުޑަނަމަވެސް ކޮރަޕްޝަނުގެ ތުހުމަތެއްކުރެވޭ ފަރާތަކާމެދު އަޅުގަނޑުގެ އެއްވެސް މަދަދެއް ލިބިނުލައްވާނެ ކަމަށެވެ."