ލޭ ހަދިޔާކުރުމުގެ އާދަ ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ޢަޒުމް ތަކުރާރުކުރައްވައި، މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ލޭ ހަދިޔާކުރާ ފަރާތްތަކުން ކޮށްދެއްވާ މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރައްވައި, އެފަރާތްތަކުގެ ދީލަތި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި، ލޭ ހަދިޔާކުރާ ފަރާތްތަކުގެ މި ދީލަތި އެހީތެރިކަމުގެ ސަބަބުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށާއި، ކުއްލި ޞިއްޙީ ފަރުވާއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް، އެންމެ ބޭނުންޖެހޭ ވަގުތުގައި ފަރުވާ ކަށަވަރުވެގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ރޮނގުން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ލޭގެ މުހިންމުކަމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމާއި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށާއި، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށާއި، ޤައުމީ ފެންވަރުގައި ކުއްލި ޙާލަތްތަކަށް އޮންނަ ތައްޔާރީ ފެންވަރު ހަރުދަނާކުރުމަށްޓަކައި ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ ފަދަ، ރަށްތައް ފެތުރިފައިވާ ޖަޒީރާ ޤައުމަކަށް، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ވަގުތުން ވަގުތަށް ލޭ ލިބެން ހުރުމަކީ ފުރާނަ ސަލާމަތްކުރުމުގައި ނުހަނު ބޮޑު ތަފާތެއް ގެނުވައިދޭނެ ކަމެއްކަން ފާހަގަކުރައްވަމުން، އެންމެހާ ދިވެހިންގެ ޞިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގައި އެއްބައިވަންތަކަމާއި ފަރުދީ ޒިންމާގެ އާދަ އަށަގަންނުވައި އެކަން ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ އެކަމަނާގެ ރަސްމީ 'އެކްސް' އެކައުންޓުގައި މެސެޖެއް ޙިއްސާކުރައްވާފައެވެ. މި މެސެޖުގައި އެކަމަނާ ވަނީ، ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވާ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި އުންމީދު ގެނެސްދޭ، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދީލަތިކަމުގެ އަގު ވަޒަންކުރައްވާފައެވެ.

ލޭ ހަދިޔާކުރާ ކޮންމެ ފަހަރެއްގެ ފަހަތުގައި އޯގާތެރިކަމުގެ ފުން އިޙްސާސްތަކެއް އެކުލެވިގެންވާކަން ފާހަގަކުރައްވަމުން، ނާޒުކު ޙާލަތްތަކުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކަށް، ލޭ ހަދިޔާކުރާ ފަރާތްތަކުގެ މި އެހީތެރިކަމަކީ ބިރުވެރިކަމުގެ ބަދަލުގައި އުންމީދު އާކޮށްދޭ ކަމެއްކަން އެކަމަނާ ބަޔާންކުރެއްވިއެވެ. އަދި ފުރާނަ ސަލާމަތްކުރުމަށް އަބަދުވެސް ބޮޑެތި ކަންތައްތަކެއް ކުރުން ލާޒިމު ނޫންކަމާއި، އޯގާތެރިކަމުގެ ކުޑަކުޑަ އަމަލަކުންވެސް މީހެއްގެ ދިރިއުޅުމަށް ނުހަނު ބޮޑު ބަދަލެއް ގެނެސްދެވިދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.