މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެ މަޤާމުން އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ، ހުސްވެފައިވާ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރުމަށްޓަކައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައްވައިފިއެވެ.

މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން 28 ޖޫން 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.