﷽
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު އަރިސްކުރަމެވެ. މިއަދަކީ، އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށްޓާމެދު ފުންކޮށް ވިސްނައި، މި ނާޒުކު ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ޢަޒުމު ވަރުގަދަ ކުރަންވީ ދުވަހެކެވެ.
ދުނިޔޭގެ މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރުކަމަށްވާ "އަ ގްލޯބަލް ކޯލް ފޯރ ކްލައިމެޓް އެކްޝަން" އަކީ، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކަންބޮޑުވުންތަކާ ނުހަނު ގުޅިފައިވާ ޝިޢާރެކެވެ. މިއަދުގެ ޢިލްމީ ދިރާސާތަކުންވެސް ދައްކަމުންދަނީ، ކުރިއަށް އޮތީ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ދުވަސްތަކެއްކަމެވެ. މި އަހަރުގެ ޝިޢާރަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ޢަމަލީ ގޮތުން މަސައްކަތް ކުރުމަށް ގޮވައިލާ ގޮވައިލުމެކެވެ. މިކަމުގައި އިސްނަގައި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަތަކާއި ވިސްނުންތަކަށް ބަދަލު ގެނެސް، އިހަށްވުރެ ބޮޑަށް އަތުކުރި އޮޅާލަން މިހާރު މިވަނީ މަޖުބޫރުވެފައެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ އަސަރުތައް އަޅުގަނޑުމެން މިހާރުވެސް މި ދަނީ ތަޙައްމަލުކުރަމުންނެވެ. އާދަޔާ ޚިލާފަށް މޫސުން ގޯސްވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތަކާއި ކަނޑުގެ ދިރުންތަކަށް ލިބެމުންދާ ގެއްލުންތައް އިތުރުވުމަކީ، މިއަދުގެ ދުނިޔޭގެ ޙަޤީޤަތެވެ. މިކަންތައް ބަދަލު ކުރެވޭނީ ގުޅިގެން، ބައިނަލްއަޤުވާމީ ގޮތުން އަޅާ ފިޔަވަޅުތަކުންނެވެ. ނަމަވެސް، އަޅުގަނޑުމެންވެސް އިސްނަގައި، ޤައުމީ ފެންވަރުގައި، އަދި ފަރުދީ ފެންވަރުގައިވެސް ކުރެވިދާނޭ ކަންކަމާމެދު ވިސްނައި، ޢަމަލުކުރުމަކީ މުހިއްމު ކަމެކެވެ.
އަޅުގަނޑުމެންގެ އިޤުތިޞާދާއި، ދުޅަހެޔޮކަމާއި، އަދި ޖުމްލަކޮށް މުޅި ދިރިއުޅުމުގެ ވައްޓަފާޅި ގުޅިފައި މިވަނީ މާތްالله ގެ ހެޔޮ ރަޙްމަތްފުޅުން އަޅުގަނޑުމެންނަށް ދެއްވައިފައިވާ ޤުދުރަތީ ވެށްޓާއެވެ. ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ، އެންމެ މަޤުބޫލު އެއް މަންޒިލަށް ވެފައިވަނީ މި ހިތްގައިމު ޤުދުރަތީ ސިފަތަކުގެ ސަބަބުންނެވެ. ރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި، ވަށައިގެންވާ ހުދުކުލައިގެ ދޮންވެލި ގޮނޑުދޮށްތަކުގެ އިތުރުން، ސާފު ނޫކުލައިގެ މޫދާއި ފަރުތަކުގެ ހިތްގައިމުކަމުންނެވެ. އަދި ކަނޑުގެ ދިރުންތަކުން މުއްސަނދިވެފައިވާ މި ވެށީގައި އުޅޭ ވެލާކަހަނބާއި، އެންމަޑި އަދި ފެހުރިހި ފަދަ ދިރުންތަކުގެ ސަބަބުންނެވެ.
ބަވަނަވަމުން މިދާ ދުނިޔޭގައި، އަޅުގަނޑުމެން އެންމެންގެ ތަރައްޤީއާއި ތަހުޒީބާއި ތަމައްދުނު ގުޅިލާމެހިފައިވަނީ، އަޅުގަނޑުމެން ތަރައްޤީގެ އާރުކާޓީއަކަށް ބަލައި، ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކުގެ މަތީގައި ސާބިތުކަމާއެކު ދެމިތިބެވިގެންނެވެ. ތަރައްޤީއާއި ތިމާވެށީގެ ހުރިހާ މައިދާންތަކެއް އެކުލެވި، ވަށައިޖެހޭނެގޮތަކަށް ގެންދިޔުމަށް ވިސްނުންތައް ބައްޓަންކުރެވިގެންނެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ޤައުމުގެ ތަރައްޤީގެ ދުވެއްޔާއެކު ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުންސުރެ އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުމެވެ. މި މަސައްކަތްތަކަށް އަހަރުން އަހަރަށް، ޔަޤީންކަމާއެކުގައި ލިބޭ ބަޖެޓް ނެތުމެވެ. އެހެންކަމުން، މި މަސައްކަތަށް، ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ، މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކުރުމަށް އަޅުގަނޑު ވާނީ މިއަދު ނިންމާފައެވެ. މިއީ، ކޮންމެ އަހަރަކު ޢާއްމުކޮށް ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ ބަޖެޓުގެ އިތުރުން ޚަރަދުކުރާނޭ ފައިސާއެވެ. މިއާއެކު، ފާއިތުވި އަހަރުތަކުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް މޯލްޑިވްސް ގްރީން ފަންޑުން ދީފައިވާ އަހަންމިއްޔަތުކަން، އެއަށްވުރެ ހަރުދަނާވެ އަދީ މަތީ ހަރުފަތަކަށް ގެންދެވޭނެއެވެ.
މި ފައިސާ ޚަރަދުކުރާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތަށެވެ. މިގޮތުން، މި ފައިސާ މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ނިންމައިފައިވަނީ، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، އެ ސަރަހައްދުތަކުގެ ދިރުންތައް ބެލެހެއްޓުމަށާއި، މިފަދަ ތަންތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްތަކަށާއި، މޮނިޓަރކުރުމުގެ މަސައްކަތްތަކަށާއި، ކޮންސަރވޭޝަން މަސައްކަތުގެ ތެރެއިން މަންފާ ހޯދޭނެ މަގުތައް ފަހިކުރުމަށާއި، ތިމާވެށީގެ ދިރާސާތައް ކުރުމަށާއި، މައުލޫމާތު އާންމުކުރުމަށާއި، މި ދާއިރާގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށާއި، މި ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކާއި، ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން، ތިމާވެށީގެ ތަފާތު ޕުރޮގުރާމުތައް ހިންގައި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން މި މަސައްކަތަށް ގެނައުމަށެވެ.
އަޅުގަނޑުގެ އުއްމީދަކީ، މި ބަދަލާއެކު ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ދުރުރާސްތާގެ މަޝްރޫޢުތައް އެކުލަވައިލައި ތަންފީޒުކުރުމަށް މަގު ފަހިވެގެންދިޔުމެވެ. އަދި މި މަސައްކަތްތަކަކީ، އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާ، އޭގެ ފައިދާ ޒަމާންތަކަށް، މުސްތަޤުބަލަށް ލިބިގެންދިޔުމެވެ.
އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ދިވެހި ރައްޔިތުން ކުރަމުން މިގެންދާ މަސައްކަތުގައި މާތްالله ބަރަކާތް ލައްވައި، ކާމިޔާބީ މިންވަރު ކުރެއްވުމެވެ.