ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ ނުކުޅެދުން ތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކެއަރ ސޮސައިޓީން އިންތިޒާމް ކުރައްވައިގެން، [ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުގައި އަހަރެން ތެދުވަން] މި ޝިޢާރުގެ ދަށުން މިއަދު ހަވީރު މާލޭގައި ބޭއްވެވި ހިނގާލުމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގެންފިއެވެ.

މި ހިނގާލުން ނިންމަވާލެއްވުމަށްފަހު، މާލޭ އާރޓިފިޝަލް ބީޗްގައި ވާހަކަފުޅު ދައްކަވަމުން، މިހާރު ރާއްޖޭގައި ހިނގަމުންދާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކާއި، ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ޑިސެބިލިޓީ އޮޑިޓެއް ހަދައި، މި ހުރިހާ މަޝްރޫޢުތަކެއްގެ ފައިދާ އެންމެންނަށް ހަމަހަމަ ގޮތެއްގައި ލިބިދިނުމަށްޓަކައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކަންކަމުން ލިބެންޖެހޭ ފުރިހަމަ ފައިދާ ލިބޭނެގޮތްތައް ދެނެގަނެ އެކަންކަން ކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި އެންމެހާ ޤާނޫނުތަކުގެ ޙިމާޔަތް، އެހެން ދިވެހި ރައްޔިތުންނާ އެއްފަދައިން ލިބިދީފައިވާ ބައެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހެވެ.