ވާރލްޑް ޓެކްނޮލޮޖީ ނެޓްވާރކްގެ ފަރާތުން ކޮންމެ އަހަރަކު ދޭ "ވާރލްޑް ޓެކްނޮލޮޖީ އެވޯޑް"، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ލިބިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މި އެވޯޑު ލިބިވަޑައިގަތީ، އާ ޓެކްނޮލޮޖީއަށް މަގުފަހިކުރާ ސިޔާސަތު ކަނޑައެޅުމުގެ ދާއިރާއިންނެވެ. މިދިޔަ ނޮވެމްބަރުމަހުގެ 30ން ޑިސެމްބަރުމަހުގެ 1 އަށް، އެމެރިކާގެ ނިއުޔޯކުގައި ބޭއްވުނު "ވޯލްޑް ޓެކްނޮލޮޖީ ސަމިޓް 2010" ނިންމުމުގެ ގޮތުން ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މި އެވޯޑާ ހަވާލުވެވަޑައިގަތީ، ރާއްޖެއިން އ.ދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޢަބްދުލްޣަފޫރު މުޙަންމަދެވެ.

ވާރލްޑް ޓެކްނޮލޮޖީ އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު، މި ރަސްމިއްޔާތުގައި، ޢަބްދުލްޣަަފޫރު މުޙަންމަދު އިއްވެވި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ސައެންސާއި ޓެކްނޮލޮޖީގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ސަލާމަތްވެ، ހަކަތައިގެ ރައްކާތެރިކަމާއި، ރައްކާތެރި ތިމާވެށްޓެއް ބިނާކުރުމުގައި، އިންސާނިއްޔަތުގެ އެންމެ މުހިންމު ވަސީލަތްކަމުގައިވާ ހުނަރުވެރި އަދި ތަޢުލީމީ މީހުންގެ ވިސްނުމާއި ބާރުގައި މުސްތަޤްބަލުގެ އާ ޓެކްނޮލޮޖީތަކާ ދިމާއަށް ދުނިޔެ ގެންދަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ވާރލްޑް ޓެކްނޮލޮޖީ ސަމިޓަކީ، ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކާއި، ޖަމާޢަތްތަކާއި، ވަކި ފަރުދުން، އެއްތަނަކަށް ޖަމާވެ، ސައެންސާއި ޓެކްނޮލޮޖީއާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ބަދަލުކުރުމަށް، ވާރލްޑް ޓެކްނޮލޮޖީ ނެޓްވާރކުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވާ ސަމިޓެކެވެ.

ސިޔާސަތު ކަނޑައެޅުމުގެ ދާއިރާއިން މިއަހަރުގެ މި އެވޯޑު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަތީ، މި ދާއިރާއިން މި އެވޯޑަށް ހޮވިވަޑައިގެންނެވިި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓް ލިބިވަޑައިގަންނަވައިގެންނެވެ. މި ދާއިރާއިން މި އެވޯޑަށް ނޮމިނޭޓްވެވަޑައިގެންނެވި އެހެން ބޭފުޅުންގެ ތެރޭގައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނަރޖީގެ ސެކްރެޓަރީ އޮފް އެނަރޖީ ސްޓީވަން ޗޫއާއި، އެމެރިކާގެ މޭރީލޭންޑް ސްޓޭޓްގެ ގަވަރނަރ މާރޓިން އޯ މެލީއާއި، ނިއުޔޯކްގެ ގަވަރނަރ ޑޭވިޑް ޕެޓަރސަން ހިމެނިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މި އެވޯޑް ލިބިވަޑައިގަތީ، ބައިނަލްއަޤްވާމީ މައިދާނުގައި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ސިޔާސަތު ކަނޑައެޅުއްވުމުގައި އެމަނިކުފާނު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، އަދި ޚާއްޞަ ގޮތެއްގައި 2020ގެ ކުރިން ރާއްޖެއަކީ، ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް އެމަނިކުފާނު ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން ފާހަގަކޮށެވެ.