މި ސަރުކާރަކީ ދިވެހި ތާރީޚުގައިވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރު ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމުގެ ޔަޤީންކަންދެއްވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ޕާޓީގެ މައި އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ކޮންމެ ރައްޔިތަކަށްމެ އަސާސީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފުދުންތެރިކަން އިތުރުކޮށްދިނުންކަން ފާހަގަކުރެއްވިއެވެ.
މީގެ ކުރީގެ ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އިންތިޚާބުތަކާ ދިމާކޮށް ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ، އިންތިޚާބު ނިމޭއިރުވެސް ރައްޔިތުންނަށް އެ ތަންތަނަށް ވަދެވޭވަރު ނުވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ ސިޔާސަތު ހަރުދަނާކޮށް، އެންމެ ގިނަ ބަޔަކަށް ގެދޮރުވެރިކަން ހޯދައިދޭ ސަރުކާރަށް ވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރުވެސް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަވަހަށް ނިންމައި ރައްޔިތުންނަށް ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ، ނިމިދިޔަ ސަރުކާރުން ކަނޑުފަޅުތަކުން ދޫކުރި ގޯތިތައް ޙަޤީޤަތަކަށް ހެއްދެވުމަށް، ބިން ހިއްކުމުގެ މަސައްކަތްތަކާއި، ހުއްޓިފައި ހުރި ފްލެޓްތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނާ ޙަވާލުކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ސަރުކާރުން މިހާރުވެސް ފްލެޓް ބިނާކުރުމުގެ އެތައް އައު މަޝްރޫޢުތަކެއްގެ މަސައްކަތް ފަށާފައިވާކަމަށާއި، އަތޮޅުތެރޭގެ ރަށްރަށުގައިވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.