ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދަފްތަރު. ނަންބަރު ރސ 13449، އަލްފާޟިލް މުޙައްމަދު ޝަކީލު މިއަދު ޢައްޔަންކުރައްވައިފިއެވެ.

މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އަލްފާޟިލް މުޙައްމަދު ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އަލްފާޟިލް މުޙައްމަދު ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްފާޟިލް މުޙައްމަދު ޝަކީލާއި ޙަވާލުކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދައިފައިވާ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، އަލްފާޟިލް މުޙައްމަދު ޝަކީލު ޢައްޔަނުކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫން ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.