ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް އަބޫ ސަޢީދު މުޙަންމަދު ޢަބްދުލް އަވާލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މި މަހުގެ 22ވަނަ ދުވަހު، ބަންގްލަދޭޝް ރައްޔިތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާތީ، އެކަމާ ހިތާމަފުޅު ކުރައްވާ ކަމަށާއި، މިފަދަ ޙާދިޘާތަކަކީ އެމަނިކުފާނު ވަރަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަންކަން ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ޙާދިޘާއާމެދު ރައީސުލްޖުމްހޫރިއްޔާވެސް ވަރަށް ހިތާމަފުޅު ކުރައްވައި ހަމްދަރުދީ ފޮނުއްވާ ކަމުގައި ވިދާޅުވިއެވެ. އަދި، މި ޙާދިޘާގެ ފުރިހަމަ ތަޙްޤީޤެއް ހިންގަވައި، މިކަމުގައި ކުށްވެރިވާ ފަރާތްތައް ހޯއްދެވުމަށް ސަރުކާރުން ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަންދެއްވައި، މިތަޙްޤީޤު ހިނގަމުންދާގޮތް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަކީ، ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާބައެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނާ ބެހޭ ހުރިހާ ކަމެއް ހަރުދަނާ އުޞޫލަކުން ހިންގަވައި، އެމީހުންނާ ބެހޭގޮތުން ދިމާވާ ތަފާތު މައްސަލަތައް ޙައްލު ކުރައްވައި، މިފަދަ މައްސަލަތައް ދިމާނުވާނެ ފަދަ ގޮތަކަށް ކަންތައް ރޭއްވެވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ރާއްޖެ އަންނަ ބަންގްލަދޭޝްގެ ރައްޔިތުންގެ ފުރިހަމަ އަދަދާއި، އެމީހުން އަންނައިރު އެމީހުންނަކީ ރާއްޖެއަށް މަސައްކަތް ކުރަން އަންނަ މީހުން ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަވެގެން އަންނަ މީހުން ކަމުގައި ހެދުމަށް ބަންގްލަދޭޝްގެ ސަފީރު ރާއްޖޭގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުންތައް ނައިބު ރައީސާ ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި، ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުން ފާހަގަކުރައްވައި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ސަރުކާރުގެ ދެމެދުގައި ހިނގަމުންދާ ތަފާތު މަޝްވަރާތަކާބެހޭގޮތުންވެސް ނައިބު ރައީސްއާއި، ބަންގްލަދޭޝް ސަފީރު ވާހަކަފުޅު ދެއްކެވިއެވެ. މި މޭރުމުން، ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ތަޢުލީމީ ދާއިރާއިންނާއި، ޘަޤާފީ ގޮތުން ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ދެ ސަރުކާރުގެ ދެމެދުގައި ކުރެވެމުންދާ މަޝްވަރާތަކާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.