"އިޖްތިމާޢީ ހަމަނުޖެހުން" މިނަމުގައި ރާއްޖޭގެ އާޓިސްޓެއް ކަމުގައިވާ އަފްޒަލް ޝާފިޢު ޙަސަން ތައްޔާރު ކުރެއްވި އާޓް ޕަރފޯމަންސެއް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަވީރު ބައްލަވާލައްވައިފިއެވެ.

މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އޮތް މި އާޓް ޕާރފޯމަންސަކީ، ރާއްޖޭގައި މިހާރު މިއޮތް ސިޔާސީ ވާދަވެރިކަމާގުޅިގެން ރުޅިވެރިކަން ޢާންމުވެ، ޢާންމު ރައްޔިތުން ބައިބައިވެ އިޖްތިމާޢީ ފޭރާން ހީނަރުވެ ގޮސްފައިވާތީ، ޞުލްޙަވެރި ސިޔާސީ ވާދަވެރިކަމެއް ގެންގުޅުމާއި، ދިވެހިންނަކީ އެކަކު އަނެކަކުގެ ޚިޔާލާއި ފިކުރަށް އިޙްތިރާމް ކުރާ އެއްބައިވަންތަ ބަޔަކަށް ހެދުމަށް ސިޔާސީ ފަރާތްތަކުން ހިތްވަރުދީ، އިޖްތިމާޢީ ފޭރާން ރިވެތި ކުރުމުގެ މުހިންމުކަން ޢާންމުންގެ ހޭލުންތެރިކުރުވުމަށް ބޭއްވުނު ހަރަކާތެކެވެ.

ޖުމްހޫރީ މައިދާނުގައި އޮތް މިހަރަކާތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވުމަށްފަހު، މާލޭ އުތުރުފަރާތު ބަނދަރުގައި އަޅާފައިވާ ބައެއް މަސް ދޯނިފަހަރަށް ޒިޔާރަތް ކުރައްވައި، މަސްވެރިކަމާއި، މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވިއެވެ. އަދި މާލޭގެ ބައެއް މަގުތަކުގައި ހިންގަވައި، މާލޭގެ ރައްޔިތުންގެ ޢާންމު ދިރިއުޅުމުގެ ހާލު ބައްލަވާލެއްވިއެވެ.