ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިޔަށްދާ ކަމަށާއި އިރާދަކުރެއްވިއްޔާ އެ މަސައްކަތް އޭޕްރިލް މަހު ނިންމާލެވި، ސަރވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މީސްމީޑިއާގެ އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މީސްމީޑިއާގެ އެކްސްގައި އެމަނިކުފާނުގެ ރަސްމީ އެކައުންޓް މެދުވެރިކުރައްވާ ސަރުކާރުގެ ސިޔާސަތު ހާމަކުރެއްވުމުގެ އިތުރުން ސަރުކާރުގެ މުހިންމު މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ގެންދަވަނީ ހާމަކުރައްވަމުންނެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ގިރާވަރުފަޅުގެ ބިން ހިއްކަން ފެށުނުކަން އެމަނިކުފާނު އިޢުލާނުކުރެއްވިއެވެ. އަދި ގިރާވަރުފަޅުގެ ބިން ހިއްކުން އެއްފަހަރާ 2 ޑްރެޖަރާއެކު ކުރިޔަށްދާކަން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

ސަރުކާރަށް ދެ އަހަރުފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ސިފަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން ގޯތި ދެއްވާނީ ކަނޑަކުން ނޫން ކަމަށާއި، ގޯތި ދެއްވާނީ ހިކިފަސް ތަނުން ކަމަށެވެ. މި އަމާޒަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގައި ގިރާވަރުފަޅާއި ހުޅުމާލެ ފޭސް 3 ގައި ބިން ހިއްކާ ނިމުމުން ގޯތިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ހާމަކުރައްވާފައިވެއެވެ.