ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ގެ ޝަރަފުވެރި އެވޯޑުތައް ހަވާލުކޮށްދެއްވައިފިއެވެ.

އެމަނިކުފާނު، މި އެވޯޑްތައް ހަވާލުކޮށްދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިންތިޒާމުކުރައްވައިގެން، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025 ގެ ނަމުގައި، ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ޚާއްޞަ ޙަފުލާގައެވެ.

މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. މިއަހަރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންފައިވަނީ، މޫސާ މަނިކު އަދި، މުޙައްމަދު ނަދީމަށެވެ.

މީގެ އިތުރުން، ނޮން-އޮލިމްޕިކް އަދި އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީ އިން، ސްޕޯޓްސްވުމަން އޮފް ދި އިޔަރ އަދި ސްޕޯޓްސްމަން އޮފް ދި އިޔަރ އެވޯޑް ޙާޞިލުކުރެއްވި އެތުލީޓުންނަށްވެސް، އެމަނިކުފާނު ވަނީ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.

އެވޯޑުތައް ހަވާލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެންމެ ޝަރަފުވެރި އެވޯޑްތައް ޙާޞިލުކުރެއްވި ބޭފުޅުންނާއެކު ޚާއްޞަ، ހަނދާނީ ފޮޓޯފުޅެއް ނަންގަވާފައެވެ.

މިރޭގެ މި ޙަފުލާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ބައިވެރިވެވަޑައިގެން، ބައެއް އެވޯޑުތައް ހަވާލުކޮށްދެއްވާފައިވެއެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ބައެއް އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރެއްވުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އިހުތިފާލެވެ. މިރޭގެ ޙަފުލާގައި ފާހަގަކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ކާމިޔާބީތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު، ކުޅިވަރު ތަރައްޤީކޮށް ކުރިއެވުމަކީ ޤައުމީ އަހުމިއްޔަތެއްކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.