ދިވެހީންގެ ޤައުމީ ޙަޔާތުން ފެންނަން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކީ، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ޙާލަތެއްގައިވެސް ދިވެހިން އިސްކުރާ އެއްބައިވަންތަކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ސުނާމީ ކާރިސާއިން ލިބުނު ޢިބްރަތްތައް ގިނަގުނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިފަދަ ޙާލަތްތަކާ ގުޅިގެން އެއްރަށުން އަނެއްރަށަށް ދިރިއުޅުން ބަދަލުކޮށް، ވަޒަންވެރިވާ ކޮންމެ ޢާއިލާއަކަށް މެހުމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށްދިނުމުގައި އިޖްތިމާޢީ އެތައް ފައިދާތަކެއްވާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި ޤައުމީ ތަރައްޤީގެ ޕްލޭން ރޭވުމުގެ މުހިންމުކަމާއި، ކުއްލި ޙާލަތްތަކާ ކުރިމަތިލުމަށް ތައްޔާރީ ޙާލަތުގައި އަބަދުމެ ތިބުމުގެ މުހިންމުކަމުގެ އިތުރުން، ބައިނަލްއަޤްވާމީ މުޖްތަމަޢާ އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދުމެ ދެމިއޮތުމުގެ ފައިދާ އަކީ މިކަމުން ލިބުނު ޢިބްރަތެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެއްބައިވަންތަކަމަކީ ޤައުމެއް ކުރިއަރައި ދިޔުމުގެ ބިންގާކަން ފާހަގަކުރައްވައި، ޤައުމެއްގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައި، ކުރިއެރުމާއި ތަރައްޤީ ހޯދައި އުފާވެރި، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެ ޤައުމެއްގެ ހުރިހާ ފަރުދުންގެ އެއްބައިވަންތަކަން މުހިންމުވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޚިޠާބު ނިންމަވާލެއްވީ ސުނާމީކާރިސާއަށް ފަހު ދިވެހިން ދިރުވި އެއްބައިވަންތަކަން ހަނދާންކޮށް އެއްޤައުމެއްގެ ގޮތުގައި ގުޅިގެން، ހިތްވަރާއި ހިނިތުންވުމާއެކު އާރާސްތުކުރި ދިރިއުޅުމާއި، އެކުވެރި ކަމުގެ ގަދަފަދަ ގުޅުމާއި ބާރު ހަނދާންކޮށްދެއްވަމުންނެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ ޢަޤީދާ މަގުދައްކަނީ ޤައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވުމާއި އެކަކު އަނެކަކަށް ހެޔޮ ފޯރުވުމާއި އިޙްސާންތެރިކަމާއި އަޅައިލުން އިސްކޮށް، ޤައުމު ބިނާކުރުމުގައި އަތުގުޅައިލަން ކަމަށެވެ. ސުނާމީ ކާރިސާ ކުރިމަތިވީ ހިނދުވެސް، އަދި ދިވެހީން ކުރިމަތިލީ މި ނޫން ކޮންމެ އުނދަގޫ ޙާލަތެއްގައިވެސް އަޅުގަނޑުމެންގެ ސަލާމަތަކަށްވީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ހިފަހައްޓަމުންދާ މި ރިވެތި ޚުލްޤާއި ސުލޫކުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހީންނަކީ އުޚުއްވަތްތެރި، އޯގާތެރި، އެކަކު އަނެކަކަށް ވާގިވެރިވާ، ހިތްވަރުގަދަ ބައެއްގެ ގޮތުގައި އަބަދުމެ ލައްވައި، އިލާހީ ޙިމާޔަތާއި މަދަދާއި އޯގާވަންތަކަން ރެއާއިދުވާލު ޤައުމުގައި ދެމެހެއްޓުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.

2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރު ކޮށްފައިވެއެވެ. އަދި މި ހިތާމަވެރި ކާރިސާގައި، 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި އޯގާތެރިކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.