ދިވެހީންގެ މި ޖީލު ދުށް ސުނާމީގެ ބޮޑު ކާރިސާ ކުރިމަތިވީތާ މި ފުރުނީ 21 އަހަރެވެ. 2004 ވަނަ އަހަރު ޑިސެންބަރުން 26 ވަނަ ދުވަހު އަޅުގަނޑުމެންގެ ޤައުމާ ކުރިމަތިވި ކުއްލި ނުރައްކަލުގެ އެ އުނދަގޫ ޙާލަތުގެ ހަނދާންތައް ދުވަހަކުވެސް އަޅުގަނޑުމެންގެ ހިތްތަކުން ފިލައިގެން ނުދާނެއެވެ. މިއަދު އަޅުގަނޑުގެ އެންމެ އިސްވާޖިބަކީ، އެ ހިތާމަވެރި ހާދިސާގައި ދުނިޔެ ދޫކުރި ދިވެހި އަޚުންނާއި އުޚްތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރުމެވެ. އެ ދުވަހު ރާއްޖޭގެ އެކި ރަށްރަށަށް އެރި ބޮޑު ރާޅާއެކު، ގޯތިގެދޮރު ގެއްލި، ބޮޑެތި ގެއްލުންތައް ލިބުނު ކޮންމެ ރައްޔިތަކާއި ކޮންމެ ޢާއިލާއަކުން ދިރިއުޅުން އަލުން އާރާސްތުކުރުމަށް ހިތްވަރާއެކު ފެށި މަސައްކަތުގައި ބަރަކާތްލެއްވުމަށާއި ކާމިޔާބީއަށް އެދުމެވެ.
ދިވެހީންގެ ޤައުމީ ޙަޔާތުން ފެންނާން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކީ، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ޙާލަތެއްގައިވެސް އަޅުގަނޑުމެން އިސްކުރާ އެއްބައިވަންތަކަމެވެ. އުޚުއްވަތްތެރި، އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ބަދަހިކަމާއެކު ތިބެ، ޤައުމު ސަލާމަތްކޮށް، ޤައުމަށް ހެޔޮގޮތް ހޯދައިދިނުމުގައި މުޅި ދުނިޔެއަށް އަޅުގަނޑުމެން ނަމޫނާ ދައްކަމުންދާތާ އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ.
ސުނާމީގެ އުނދަގޫ ޙާލަތުން އަރައިގަނެ، ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ޤައުމު އަލުން އާރާސްތުކުރުމުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރީ، މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ބައިވެރިވެ އެހީތެރިވުމުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދީޘްފުޅުން ޢިބްރަތް ލިބިގަނެ، "އެއް ހަށިގަނޑެއްގެ" މިސާލުގައެވެ.
ސުނާމީ ކާރިސާއިން އަޅުގަނޑުމެންނަށް ލިބުނު ޢިބްރަތްތައް ގިނަގުނައެވެ. ކޮންމެ ޙާލަތެއްގައިވެސް މާތްﷲއަށް ވަކީލުކުރުމެވެ. އެ އިލާހުގެ ޙަޟްރަތުން ވާގިއެދި، ދުޢާކޮށް، ހެޔޮނިޔަތުގައި މަސައްކަތް ކުރުމެވެ. އެމީހަކަށް ވީވަރަކުން އަނެކުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މިފަދަ ޙާލަތްތަކާ ގުޅިގެން އެއްރަށުން އަނެއްރަށަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާ ކޮންމެ ޢާއިލާއަކަށް މެހުމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށް ދިނުމުގައި އޮތް އިޖުތިމާޢީ ފައިދާއެވެ. ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި ޤައުމީ ތަރައްޤީގެ ޕްލޭން ރޭވުމުގެ މުހިންމުކަމެވެ. ކުއްލި ޙާލަތްތަކާ ކުރިމަތިލުމަށް ތައްޔާރީ ޙާލަތުގައި އަބަދުމެ ތިބުމުގެ މުހިންމުކަމެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢާ އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދުމެ ދެމިއޮތުމުގެ މަންފާއެވެ.
އެއްބައިވަންތަކަމަކީ ޤައުމެއް ކުރިއަރައި ދިޔުމުގެ ބިންގަލެވެ. ދިވެހީންގެ ސަގާފަތާއި ދިރިއުޅުމާ ގުޅިފައިވާ ކަނޑުއުޅަނދެއްގައި ނަމަ، ދޯންޏެއްގެ އޭގެ ބަނދަރަށް ދަތުރުކުރުމަށް ޓަކައި ނުވަތަ ފެންމަތީ އޮތުމަށްޓަކައި އެ ދޯނީގެ މަޑޫތައް ރަނގަޅަށް ހިނމުންކޮށް ގުޅިފައި ހުންނަން ޖެހެއެވެ. ހަމަ އެފަދައިން ޤައުމެއްގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައި، ކުރިއެރުމާއި ތަރައްޤީ ހޯދައި އުފާވެރި ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެ ޤައުމެއްގެ ހުރިހައި ފަރުދުންގެ އެއްބައިވަންތަކަން މުހިންމުވެއެވެ.
މިއަދު އަޅުގަނޑުމެން ހަނދާން ކުރަންވީ ސުނާމީއަށްފަހު އަޅުގަނޑުމެން ދިރުވި އެއްބައިވަންތަކަމެވެ. އެއްޤައުމެއްގެ ގޮތުގައި ގުޅިގެން، ހިތްވަރާއި ހިނިތުންވުމާއެކު އާރާސްތުކުރި ދިރިއުޅުމެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ.
މާތްﷲ އަޅުގަނޑުމެންނަށް ހެޔޮވިސްނުން ދެއްވައި، އަބަދުވެސް ރައްކާތެރިކަން މިންވަރު ކުރައްވާށިއެވެ. ދިވެހީން އިސްލާމީ އުޚުއްވަތްތެރިކަމުގައި އަބަދުމެ ދަމަހައްޓަވާށިއެވެ. އާމީން!