ދައުލަތުގެ ހުރިހާ ވުޒާރާތަކެއް ހިމެނޭހެން، ތަރައްގީގެ 1،875 މަޝްރޫޢު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" މިނަމުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި 1،875 މަޝްރޫޢަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، އުމްރާނީ ތަރައްގީއަކީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭ ދާއިރާކަމަށެވެ. މީގެ ތެރޭގައި ހިނގަމުންދާ މަޝްރޫއުތަކާއި އަލަށް ސޮއިކުރެވޭ މަޝްރޫޢުތައް ހިމެނޭކަމަށާއި އަލަށް ސޮއިކުރެވޭ މަޝްރޫއެއްނަމަ، ތިން މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެތެރޭގައި ޕްރައިވެޓް ސެކްޓަރ ޕާޓްނަޝިޕްގެ ދަށުން މިމަހުގެ ތެރޭގައި ސޮއިކުރެވުނު 236 މަޝްރޫޢު ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ހުރިހާ އުމްރާނީ ތަރައްގީގެ މަޝްރޫޢެއް ހިންގާ، ތަންފީޒުވެ ނިމޭއިރު، ރައްޔިތުންނަށް އޭގެ ފައިދާ ފެނިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތައް ހިންގޭނީ ތިމާވެށި ހިމާޔަތްކޮށްގެންކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ކޮންމެ މަޝްރޫއަކީ ފުރިހަމަ ކުރަންޖެހޭ އީއައިއޭ ރިޕޯޓްތައް ފުރިހަމަކޮށް، އެއަށް އަމަލުކުރެވޭ މަޝްރޫއަކަށްވެގެންދާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެ މަނިކުފާނުގެ ވައުދުފުޅެއްގެ ގޮތުން ފެށިގެންދިޔަ ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އިޝާރާތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާތަނަށް އަށްލައްކައަށްވުރެ ގިނަ ގަސް އިންދިފައިވާކަމަށެވެ. އަދި، ގަސް އިންދުމަށް ކަނޑައަޅާފައިވާ އަދަދަށް ބަލާނަމަ، މި ޕްރޮގްރާމު ނިމޭއިރު ހަމިލިއަނަށް ވުރެގިނަ ގަސް އިންދޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތެލަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމުގެ ގޮތުން، އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫއުތަކަށް ގައުމީ ތަރައްގީގައި އިސްކަންދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، މިހާތަނަށް ސޯލާ ހަކަތަ އުފެއްދޭ މިންވަރު ދެގުނަ އިތުރުކުރެވިފައިވާ ކަމަށާ އަދި 100 މެގަވޮޓްގެ ބޮޑު މަޝްރޫޢެއް ފަށާފައިވާ ކަމަށާއި، ސޯލާގެ އިތުރު 78 މަޝްރޫޢެއްގައި ސޮއި ކުރެވިފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތަކަމުގައި ހެއްދެވުމަށް ވެވަޑައިގެންފައިވާ ވައުދު ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވިއެވެ.

ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، މާޗް މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރް.ޓީ.އެލް.ގެ ޚިދުމަތް ގާއިމްކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފަސޭހަ، ނަތީޖާ ފެންނަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ފެބްރުއަރީގައި ފެށިގެންދާނެކަމަށެވެ. އަދި، މި މަޝްރޫޢުގެ ސަބަބުން، ޓެކްސީ ޑްރައިވަރުން ބާކީވެގެން ނުދާނޭކަމަށާއި، އެ ބޭފުޅުންނަށް ފިކްސްޑް އިންކަމެއް ލިބި، ރައްޔިތުންނަށް މެދުނުކެނޑި ޓެކްސީގެ ޚިދުމަތް ލިބޭނޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.