ކޮމަންވެލްތް ސެކްރެޓަރީ-ޖެނެރަލްގެ އަނބިކަނބަލުން މެޑަމް ބަބްލީ ޝަރްމާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހަވީރު، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީއާ ގުޅޭ އެކި ދާއިރާތަކާބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ދިނުމާއި އެފަދަ ކުދިން މުޖްތަމަޢުގައި އުފެއްދުންތެރި ބައެއްގެ ގޮތުގައި ބޮޑުކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކާއި، އަންހެން ކުދިންނާއި އަންހެނުންގެ ތަރައްޤީއާ ގުޅޭ ގޮތުން ރާއްޖޭގައި ހުރި މައްސަލަތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.