ދިވެހި ވިޔަފާރިވެރިންގެ ޖަމްޢިއްޔާއާއި ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން އިންތިޒާމް ކުރާ "ގަލްފް ކްރާފްޓް އިންޓަރނޭޝަނަލް ބޯޓް ޝޯ"، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްލަވާލައްވައިފިއެވެ.

މި އޮކްޓޯބަރ މަހުގެ 16 އިން 18އަށް ދަރުބާރުގެއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރިމަތީ ފަޅުތެރޭގައި ކުރިއަށްދާ މި ބޯޓް ޝޯ ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ދަރުބާރުގެއަށް ޒިޔާރަތް ކުރެއްވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބޯޓް ޝޯ ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގައި، މިއަހަރުގެ ބޯޓް ޝޯގައި ބައިވެރިވާ އެކި ކުންފުނިތަކުގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވައި، އެ ކުންފުނިތަކުން މިއަހަރުގެ ޝޯގައި ދައްކާލުމަށް ބަހައްޓާފައި ހުރި އުފެއްދުންތައް ބައްލަވާލައްވައި، އެ އުފެއްދުންތަކާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވެސް މި ބޯޓް ޝޯ ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވިއެވެ.