ކޮމަންވެލްތް ޕާލަމަންޓްރީ އެސޯސިއޭޝަން (ސީ.ޕީ.އޭ.)ގެ އިނގިރޭސިވިލާތުގެ ގޮފީގެ ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ. މި ވަފްދުގެ އިސް ބޭފުޅަކަށް ހުންނެވީ ރައިޓް އޮނަރަބްލް ޕޯލް މަރފީއެވެ. މި ވަފްދުގައި އިނގިރޭސި ލޭބަރ ޕާޓީއާއި، ކޮންޒަވެޓިވް ޕާޓީއާއި، ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަފްދުގެ ބޭފުޅުންނަށް މަޢުލޫމާތު ދެއްވިއެވެ. އަދި ތަރައްޤީގެ މަގުގައި ރާއްޖެއަށް ކުރިމަތިވާ ބައެއް ދަތިތައް ފާހަގަކުރައްވައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ، ރާއްޖޭގެ ސަލާމަތަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.