ތައިލޭންޑުގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް މަހާ ވާޗީރާލޯންގްކޯން ޕްރާ ވާޗީރާކްލާއޯޗާއުޔޫހުއޯގެ މަންމާފުޅު، ހަރ މެޖަސްޓީ ކުއީން ސިކިރީތް (ދަ ކުއީން މަދަރ އޮފް ތައިލޭންޑް) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތައިލޭންޑުގެ ރަސްގެފާނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ތައިލޭންޑުގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ހަރ މެޖަސްޓީ ކުއީން ސިކިރީތް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުކަމުގައި ވިދާޅުވިއެވެ. އަދި އެކަމަނާގެ މުޅި ޙަޔާތްޕުޅުގައި ޤައުމަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި، އިޖްތިމާޢީ އެކިއެކި ހަރަކާތްތަކުގައި މުޖްތަމަޢުގެ ލާބައަށްޓަކައިކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ހަނދާންތައް އަބަދުމެ ދެމިހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްގެފާނުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން އެ ޤައުމަށް ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތައިލޭންޑުގެ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.