ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ރިއަރ އެޑްމިރަލް އަބޫ ސަޢީދު މުޙަންމަދު ޢަބްދުލް އަވާލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބަންގްލަދޭޝްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވަރަށްގިނަ ކަންކަމުގައި ރާއްޖެއާއި ބަންގްލަދޭޝްއިން ގެންގުޅޭ ވިސްނުން ވަރަށް އެއްގޮތް ކަމުގައި ފާހަގަކުރައްވައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅޭ މައްސަލަތަކަކީ މިފަދަ އެއްކަންތައް ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ހޯދުމާ ބެހޭގޮތުން އެމަނިކުފާނު ބަންގްލަދޭޝްގެ ބޮޑުވަޒީރާއެކު ވަރަށްގިނަފަހަރު މަތިން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، މެކްސިކޯގައި މިއަހަރު ބޭއްވޭ ސަމިޓްގައި ބައިނަލްއަޤްވާމީ އެއްބަސްވުމަކަށް އައުމަށް ދެޤައުމުންވެސް ވަރަށް ބާރުއަޅާ ކަމުގައި ވިދާޅުވިއެވެ.

ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ބަންގްލަދޭޝާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ބައިނަލްއަޤްވާމީ ސަމާލުކަން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް ތަޢްރީފު ކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން އަފީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.