ޅައިމަގު ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތް ނިމުމުން ޞިއްޙީ މަރުކަޒުގެ ޚިދުމަތް ސޯޅަ ގަޑިއިރަށް ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ޅައިމަގު ރައްޔިތުންނާއެކު މިއަދު ހެނދުނު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޅައިމަގުގައި ތިން މަޝްރޫޢެއްގެ އަމަލީ މަސައްކަތް މިއަދު ފެއްޓެވުމަށް ނިންމަވާފައިވެއެވެ. އޭގެ ތެރޭގައި ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އެޅުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމާއި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އެޅުން ހިމެނެއެވެ. މިއަދު ވިއްސާރަވުމުގެ ސަބަބުން މި ރަސްމިއްޔާތުތައް ކުރިއަށް ނުގެންދެވުނުނަމަވެސް އެ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ނިމޭއިރު، ވޯޑަށް އެނދު އިތުރުވެ، ލެބޯޓްރީގެ ޚިދުމަތުގެ އިތުރުން 16 ގަޑިއިރަށް ޚިދުމަތް ދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަވެގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގައި މަސައްކަތް ފެށުމަށް ބަޔަކާއި ޙަވާލުކުރެވިފައިވާ ކުނިކޮށީގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދެ އަހަރު ވެފައިވާތީ އެހެން ބަޔަކާއި ޙަވާލުކުރައްވައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. ރަށުގައި ހޭންޑް ބޯލް ކޯޓެއް އެޅުމާއި ފުޓްސަލް ދަނޑުގެ ޓަރފް ބަދަލުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ. މީގެއިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ސްކޫލްގެ އޮފީސް އިމާރާތެއް އެޅުމަށް ނިންމަވާފައިވާ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރަށުގައި ސްވިމިންގ ޓްރެކެއް އެޅުމަށް ނިންމަވާފައިވާ ކަމަށާއި އެމަނިކުފާނުގެ ވަޢުދުފުޅާއި އެއްގޮތަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޅައިމަގުގައިވެސް އަޅުއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ރަށުގެ ކަރަންޓުގެ މައްސަލަ ފެނަކައިން މިހާރު ރާވާފައިވާ ތާވަލާއި އެއްގޮތަށް ރަނގަޅު ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ ކޮންމެ މަޝްރޫޢެއް ފުރިހަމަކޮށްދެއްވައި، ރައްޔިތުން ބޭނުންވާ މިފަދަ ހުރިހާ ކަމެއް ރަނގަޅަށް ކުރިއަށްގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.
މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ޅައިމަގު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ، ރަށުގެ ބަނދަރު ހެދުމާއި، ޕްރީ ސްކޫލްގެ ފެންވަރު ރަނގަޅުކޮށްދެއްވުމާއި، ދިގުމުއްދަތެއްގައި ފައިސާ ދައްކާގޮތަށް ނަމަވެސް، އަމިއްލަ ގޯތީގައި ގެއެޅޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވައި، ތަރައްޤީގެ މުހިންމު ކަންކަން ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުން ރަށްރަށުގައި ފައްޓަވާ މަޝްރޫޢުތައް ނިންމަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަންދެއްވާފައެވެ. އެގޮތުން މަޝްރޫޢުތަކުގެ ކަންކަން ހިނގަމުންދާގޮތުގެ ތަފްޞީލުތައް ސަރުކާރުން މިހާރު ދުވަހުން ދުވަހަށް ބައްލަވާ އަދި މޮނިޓަރ ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޅައިމަގު ރައްޔިތުންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުގެ ހަނދާނީފިލައެއް އަރުވާފައެވެ.